ބައެއް މެމްބަރުން ބިދޭސީން ލައްވައި ޕްރައިވެޓް ކާރުގައި ޓެކްސީ ކުރޭ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު

 

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރާއްޖެއަށް ކާރު ގެނެސް، ބިދެސީން ލައްވައި ޓެކްސީ ކުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ސަނީފް ވިދާޅުވީ ބިދޭސީން ލައްވާ ޕްރައިވެޓް ކާރުތަކުގައި ބައެއް މެމްބަރުން އެކަން ކުރާ ކަމަށާއި އެއީ ގައުމު ހިންގޭނެ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތާ މަޖިލިސް މެމްބަރުން މިތާ އެތައް ބަޔަކު ކާރު ގެނެސްގެން ޑްރައިވަރު ލައްވައި، އަނެއްކޮޅުން މަޖިލީހުން ވެސް 80،000 ރުފިޔާ ނަގަނީ. އަނެއްކާ ބޭރު މީހާ ލައްވާ ވެސް ޓެކްސީކޮށްގެން ވެސް ލާރި ހޯދަނީ. މިއީއެއް މި ގައުމު ހިންގޭނެ ގޮތެއް ނޫން،" ސަނީފު ވިދާޅުވިއެވެ.

އެކަން ކުރާ މަޖިލިސް މެމްބަރުންގެ ނަމެއް ސަނީފު ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ އެ ވާހަކަ ދެއްކުމާ އެކު، މަޖިލީހުގެ ތަޅުމުގައި ކޮންމެ ވެސް ވަރަކަށް އަޑުގަދަވެގެން ދިޔައެވެ. އެއަށްފަހު އޭނާ ވަނީ ވާހަކަ ދެއްކެވުން ހުއްޓަވާލައްވާފައެވެ.

ސަނީފު މަޖިލީހުގައި ވިދާޅުވެފައި ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ޕްރައިވެޓް ހަޔަރގެ ނަމުގައި ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރުމުގެ ފުރުސަތު އާންމުންނަށް ވެސް އޮތް ކަމަށާއި ނަމަވެސް އެކަމަކީ ޓެކްސީ ޑްރައިވަރުންނަށް އިހާނެތިކޮށް ކުރާ ކަމެއް ކަމަށެވެ.

"ކޮންމެ މީހަކު ވެސް އަމިއްލައަށް ކާރެއް ގެނެސް، ޑްރައިވަރެއް ލައި، އެ ޑްރައިވަރަށް މުސާރަ ދިނުމަށްޓަކާ މިބުނާ ހަޔަރ 'ޕްރައިވެޓް ހަޔަރ'ގެ ތެރެއަށް ވައްދައި، ދެފައި ދަމާލައިގެން ބަންގާޅީ މީހާ ލައްވާ ކާރު ދުއްވައިގެން ފައިސާ ހޯދާ އޭނާއަށް މުސާރަ ދިނުމަކީ ޓެކްސީ ޑްރައިވަރުންނަށް އިހާނަތެރިކޮށް ހެދުމަށް ކުރާ ކަމެއް،" ސަނީފް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުގެ ޤާނޫނުގައި ޓެކްސީގެ ޚިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ހިދުމަތް ދިނުން ގާނޫނުން ހުއްދަ ކުރަން ހުށަހަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *