އާ އަހަރަށް އުއްމީދުތަކެއް ހުރި ނަމަވެސް އެކަން ކުރުމަށް ފަސޭހައެއް ނުވާނެ: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ކަންކަން ރާވާ އެކަންކަމަށް އުއްމީދުތައް ކުރި ނަމަވެސް އެއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އާއްމު ކުރެއްވި އާ އަހަރުގެ މެސެޖުގައި ވިދާޅުވީ 2020ވަނަ އަހަރަކީ ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައި އަހަރެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދަށް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ވެސް ގެއްލިގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ 2020ވަނަ އަހަރަކީ އެއްވެސް މީހަކު ހަނދާން ކުރަން ބޭނުންވާނެ އަހަރެއް ނޫން ކަމަށެވެ.

އެހެންނަމަވެސް 2021ވަނަ އަހަރު ދިވެހިންނާއި ބައްދަލުކުރަނީ އުއްމީދުތަކަކާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ނުރައްކާތެރި ކޮވިޑް19 އިން ސަލާމަތްވުމަށް އެބަލީގެ ވެކްސިން ލިބި ބަލިން ސަލާމަތްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ވެކްސިން ލިބުމާއެކު އެ ވެކްސިން ހުރިހާ ރައްޔިތުން ވެސް ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް19 އިން އަރައިގަތުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުން އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ފަތުރުވެރިކަން އަލުން ފަށާ ރިސޯޓުތަކުގެ އޮކިއުޕަންސީ އިތުރުވި ނަމަވެސް ދައުލަތުގެ މާލިއްޔަތަށް އޭގެއިން މާ ބޮޑު އަސަރެއް ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އަންނަ އަހަރަށް އެމަނިކުފާނު ކުރައްވާ އުއްމީދު ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫ ހުރަސްތައް ގިރާ ކުރާ ބައެއް ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.