ތަފާތު އެކި މަޝްރޫއުތަކަށް އެމެރިކާގެ އެކިއެކި މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ފަސް ކޮށްދިނުމަށް ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ. މިއީ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިޔައީ އިއްޔެ ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒްއެވެ.
ސަރުކާރުން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ކޮވިޑްގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް އެހީއަކަށް ވެގެން ދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 100،000 ޑޮލަރުގެ ދަރަނި ދެއްކުން ފަސްވެގެން ދާނެ ކަމަށެވެ.