އައްޑޫ އިން ފަތުރުވެރިކަމަށް ދޫކުރި ބިންތަކަށް އިތުރު 45 ފަރާތަކުން ކުރިމަތިލައިފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ އިން ފަތުރުވެރިކަމަށް ދޫކުރި ބިންތަކަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި އިތުރު 45 ފަރާތަކުން ކުރިމަތިލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބުނީ ފުރަތަމަ ބުރުގައި 60 ފަރާތަކުން ފަތުރުވެރިކަމަށް ދޫކުރި ބިންތަކަށް ކުރިމަތިލި ކަމަށެވެ. އެ ބިންތަކަށް ކުރިމަތިލާން ދެވަނަ ފުރުސަތު ހުޅުވާލިއިރު އެ ފުރުސަތަށް ކުރިން ބިޑު ހުށަހެޅި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލް އިން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބުނީ ދެވަނަ ބުރުގައި ފަތުރުވެރިކަމަށް ދޫކުރި ބިންތަކަށް 45 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ގެސްޓު ހައުސް ތަރައްގީ ކުރުމާއި ސިޓީ ހޮޓެލް ތަރައްގީ ކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލް އިން ބުނީ ފަތުރުވެރިކަމަށް ދޫކުރާ 96 ބިމުގައި 4،000 އެނދު ގާއިމް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި ބިންތަކުގެ ތެރެއިން އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެ ސިޓީގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހިތަދޫ އިންނެވެ. ހިތަދޫ އިން 30 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ އިން 25 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫ އިން 16 ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ފޭދޫ އިން 24 ބިން އަދި މަރަދޫ އިން 10،000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.