ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލާއެކު ރާއްޖެ އެތެރެ ކުރުން މަނާ ތަކެތީގެ ލިސްޓެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 22ވަނަ ދުވަހުއެވެ.
މި ބިލާއެކު އިސްލާހު ކުރައްވާފައި ވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާއަށެވެ. އެގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުމާބެހޭ ރައީސް ނެރުއްވި ގަރާރެއްގައި ވަނީ 12 ބާވަތެއް ރާއްޖެ އަށް އިމްޕޯޓު ކުރުން މަނާކޮށްފައެވެ.
ޖޫން 2021 އިން ފެށިގެން އެތެރެކުރުން މަނާވާ ބާވަތްތައް:
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
2- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
3- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
5- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
6- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
8- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
9- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
މިގޮތަށް ކަނޑައެޅި ލިސްޓުގައި 2022ވަނަ އަހަރާއި 2023ވަނަ އަހަރުވެސް ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަނޑައަޅާފައިވެއެވެ. އެގޮތުން 2022ވަނަ އަހަރު އެތެރެކުރުން މަނާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި އާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި ހިމެނެއެވެ.
މީގެއިތުރުން ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށްވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023ވަނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ވެގެން ދާނެ ކަމަށް ރައީސް ކަނޑައެޅުއްވި ލިސްޓުގައިވެއެވެ.