ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރީގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމްގެ މައްޗަށް އުފުލައިފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޝިޔާމްގެ މައްޗަށް ދައުވާ އުފުލީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ޝިޔާމްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުން ދިޔަ މައްސަލައިގައެވެ.
މި މައްސަލާގައި އޭސީސީ އިން ވަނީ އެތަނަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނެއް ކަމަށެވެ.
އޭސީސީ އިން ބުނީ ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.
އަދި އޭސީސީ އިން ބުނީ ޝިޔާމްގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެން ނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއް ކަމަށެވެ.