ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ނިންމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބާތިލުކޮށްފައިވާ ކަމަށާއި އެ ނިންމުމާއެކު، ރާއްޖެޓީވީއަށް އަނބުރާ ލިބޭ ފައިސާ ހަދިޔާކުރާނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ސްޓޭޝަން ޖޫރިމަނާ ކުރީ ބޭއިންސާފުން ކަމަށް ބްރޯޑްކޮމްއިން މިއަދު ނިންމާފައިވާ ކަމަށާއި އަނބުރާ އެ ސްޓޭޝަނަށް ލިބޭ އެ ފައިސާ ރާއްޖެޓީވީން ބޭނުންނުކުރާނެ ކަމަށެވެ.
“މި ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް. ރާއްޖެޓީވީއަށް މުހިއްމީ އިންސާފު. އެކަން ވެއްޖެ،” މެދުކެނޑުމެއްނެތި ޚިދުމަތް ދެމުންގެންދާތާ 10 އަހަރުވެފައިވާ ޓީވީ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
#RaajjeTV nuhahgun kuri enme bodu jurimanaa 2m akee beyinsaafun kuri jurimanaa eh kamah massala review kurumah fahu miadhu commission in ninamaifi. RaajjeTV in mi faisaa beynumeh nukuraane. Mi dheynee ehee beynunvaa kudakudhinge hiyaa ah. RaajjeTV ah muhinmee insaafu ekan vejje.
— Ahmed Saleem (@SalleHoarafushi) December 30, 2020
“ހަތާވީސް”އަށް އެނގިފައިވާ ގޮތުގައި ބްރޯޑްކޮމްއިން އެގޮތަށް ނިންމީ މިއަދު އެ ކޮމިޝަންގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންވި މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެޓީވީ ފަސް ފަހަރަށް ޖޫރިމަނާކޮށް، 3.7 މިލިއަން ރުފިޔާ ދައްކަން މަޖުބޫރުކުރިއެވެ. އެ ޖޫރިމަނާ އެ ސްޓޭޝަނުން ދައްކައި ހަލާސްކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ރައްޔިތުންގެ އެހީތެރިކަމާ ވެސް އެކުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެ ސްޓޭޝަންގެ ނޫސްވެރިން ވަނީ ތަފާތު ސަބަބުތަކާ ހުރެ ކަމަށް ބުނެ، ޖަލަށް ވެސް ލައިފައެވެ. އަދި އެ ސްޓޭޝަންގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވެސް އޭރު ދީފައިވެއެވެ.
ރާއްޖެޓީވީ ދެ މިލިއަނުން ޖޫރިމަނާ ކުރީ ބޭއިންސާފުން ކަމަށް ބްރޯޑްކޮމްއިން ނިންމާފައިވާއިރު، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގެ ހަތަރު މެމްބަރުންނަކީ އަލަށް އައްޔަން ކުރެއްވި މެމްބަރުންނެވެ.