އިޔާޒު ވިދާޅުވަނީ ބިދުއެއް ކަމަށް، ހުސައިން ވިދާޅުވީ ސުންނަތެއް ކަމަށް

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ތުންޖީނާ ސޮލަވާތް ކިޔެވި ކިޔެވުމަކީ ބިދުއައެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވިދާޅުވެފައި ވަނިކޮށް، ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު އެއާ ދެކޮޅަށް ވާހަކަ ދައްކަވައިފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް މަޖިލިސް ކުރާ ގޭގައި އިއްޔެ ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ތުންޖީނާ ސަލަވާތް ވިދާޅުވެ ދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. އެ ސަލަވާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އިޔާޒު އިއްޔެ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ތުންޖީނާ ސަލަވާތަކީ ސުންނަތުން ސާބިތުވާ ސަލަވާތެއް ނޫން ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ ގޮތުން އެފަދަ ކަމެއް ކުރުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ހުސައިން ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޖަލްސާތަކުގައި ޞަލަވާތް ކިޔެވުމަކީ ބިދުޢައެއް ނޫން ކަމަށާއި އެއީ ސުއްނަތުން ސާބިތުވާ ކަމެއް ކަމަށެވެ. އެކަން ސާބިތު ކުރުމަށް ކީރިތި ރަސޫލާގެ ހަދީސްފުޅެއް ވެސް ގެނެސްފައިވެއެވެ.

" مَا جَلَسَ قَومٌ مَجْلِسًا لَمْ يَذْكرُوا الله تَعَالَى فِيهِ ولَم يُصَّلُّوا عَلَى نَبِيِّهم فِيهِ إلاَّ كانَ عَلَيّهمْ تِرةٌ، فإِنْ شاءَ عَذَّبَهُم، وإنْ شَاءَ غَفَرَ لَهُم" (رواه الترمذي) މާނައީ: މުސްލިމުންގެ ޖަމާޢަތަކުން ބައްދަލުވުމެއް ބާއްވަވައި އޭގައި ﷲ އަށް ޙަމްދު ނުކޮށް އަދި ކީރިތި ރަސޫލާއަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައަކަށް ހިތާމަ އާއި ގެއްލުން ހުއްޓެވެ. ﷲ އެދިވޮޑިގަންނަވާނަމަ އެއުރެންނަށް އެ ޖަލްސާގައި ކުުރެވުނު ކުށްފާފައަށް ޢަޛާބު ދެއްވަފާނެއެވެ. އަދި އެދިވޮޑިގަންނަވާ ނަމަ އެއުރެންގެ އެކުށްތަކަށް ޢަފޫކުރަށްވަފާނެއެވެ،" ހުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގެ ފެށުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިން އަދުނާން، ސުންޖީނާ ސަލަވާތް ކިޔަވަނީ

އޭނާ ވިދާޅުވީ ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި ޢިލްމުވެރިން ސާޅީސް އެތައް ތަނެއް ސުއްނަތުން ސާބިތުކުރަށްވައި ބަޔާން ކުރަށްވާފައިވެއެވެ. އޭގައި ވަކި ޞަލަވާތެއް ކަނޑައެޅިފައި ނޯވެއެވެ. ކީރިތި ޤުރުއާނުގައި ވަނީ ޢާއްމުކޮށް މުޠްލަޤުކޮށް ޞަލަވާތް ކިޔެވުމަށް އަންނަ އަމުރުފުޅެކެވެ. ކީރިިތި ރަސޫލާގެ ޙަދީޘުފުޅުތަކުންވެސް ވަނީ ޢާއްމުކޮށެވެ. ވަކި ޢިބާރަތެއް ކިއުމަށް އައިސްފައި ވަނީ ހަމައެކަނި ނަމާދުގެ އައްތަޙިއްޔާތުގައެވެ. ފަހު އައްތަޙިއްޔާތުގައި އިބްރާހީމިއްޔަ ޞަލާވާތް ކިއުމަކީ ސުއްނަތެކެވެ. އެނޫން ޞަަލަވާތަކުންވެސް ފަރުޟު ފުދިދާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން ޢާއްމުކޮށް ޞަލަވާތް ކިޔަވާނެ ވަކި އިބާރަތެއް ދީނުގައި ނޯވެއެވެ. ކޮންމެ ޢިބާރަތަކުންވެސް ޞަލަވާތް ކިޔެވިދާނެއެވެ. ކުރުކޮށާއި ދިގުކޮށެވެ. ދީނުގެ ޢިލްމުވެރިން އަމިއްލަ ޢިބާރަތުންވެސް ޞަލަވާތް ކިއުއްވައެވެ.

މަޖްލިހުގެ ޖަލްސާ ބިދުޢައަކުން ފެއްޓެވި ވާހަކަ ޢިޔާޒު ވިދާޅުވިއިރު، ރައީސް މައުމޫނު ވެރިކަމުން ފެށިގެން ޤުރުއާނުގެ އާޔަތްކޮޅަކުން މަޖިލިސް ފަށައި އެކަން މިއަދާހަމައަށް އޮތް އިރު އެކަމަށް އިޔާޒު އެއްޗެއް ވިދާޅުނުވީ ކީއްވެގެންތޯ ހުސައިން ސުވާލު އުފެއްދެވިއެވެ.

ޤުރުއާން ކިޔެވުމަކީ ބޮޑު އަޅުކަމެއް ކަމުގައި ވިއަސް އެއީއަކީ ޖަލްސާތަކުގައި ކިޔެވުން ސާބިތުވާ ކަމެއް ނޫން ކަމަށް ހުސައިން ވިދާޅުވިއެވެ.

"ދީނުގެ ސަލަފުއްޞާލިޙުންގެ ތެރޭގައި ކަންވަމުން އައި ގޮތެއްވެސް ނޫނެވެ. އަޅުގަނޑުގެ ހަނދާން ކުށް ކަމުަގައި ނުވާނަމަ ރާއްޖޭގައި ޖަލްސާތައް ފެއްޓުމަށް ފުރަތަމަ ޤުރުއާން ކިޔަންވަން ފެށުނީ ރައީސް މައުމޫނުގެ ދުވަސްވަރުގައެވެ. އެއީ ބިދުޢައެކޭ ނުވަތަ ބޮޑު ގޯހެކޭވެސް އަޅުގަނޑު ބުނަނީއެއް ނޫނެވެ. އެކަމަކު އެއީ ސުއްނަތެއް ނޫނެވެ. މުސްލިމުން އެބޭކަލުންނަށް ތަބާވަމުން އަންނަ ދަންނަބޭކަލުންގެ ޢަމަލެއްވެސް ނޫނެވެ،" ހުސައިން ވިދާޅުވެފައިވެއެވެ.

މަޝްހޫރު ތުންޖީނާ ޞަލަވާތަކީ ޞައްޙަ ޞަލަވާތެއް ކަމަށް ފާހަގަ ކުރައްވައި، އެކަން ސާބިތު ކުރުމަށް ކުވައިތުގެ ދީނީ އިލްމުވެރިއެއްގެ ބަސްފުޅެއް ވެސް ހުސައިން ވިދާޅުވެ ދެއްވާފައިވެއެވެ.

 

ކުވައިތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު ޢަބްދުލް ޣައްފާރު އޭނާގެ ފަތުވާ 2691 ގައި ވިދާޅުވެފައި ވަނީ: "ތުންޖީނާ ޞަލަވާތުގެ ނަމުން މަޝްހޫރުވެފައިވާ ޞަލަވާތް ކިޔަވައި ހެދުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ބައެއް ޢިލްމުވެރިންނާއި ވަލީވެރިންގެ ކިބައިން ވާރިދުވެގެންވާ ޞަލަވާތެވެ. އެބޭކަލުން އެޞަލަވާތް ކިއުއްވުމުގައި ދެމިތިއްބެވި ޞަލަވާތެކެވެ،"

ހުސައިން ވިދާޅުވީ މިހާރަކަށް އައިސް އެ ފަދަ އެއްޗެހި ބިދުޢަވެެރިކޮށް ހަދައި ފަތުވާ ދެއްވަނީ މިއަދުވެ ބައެއް ސަލަފީ ޢިލްމުވެރިންނެވެ.

"މާތް ﷲ އެބޭފުޅުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އެބޭފުލުންނަށާއި އަޅުގަނޑުމެންނަށް ހިދާޔަތު ދެއްވާށިއެވެ.،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑރ. ޢިޔާޒަކީ ވަރަށް އިޙްތިރާމު ކުރާ ބޭފުޅެއް ކަމަށާއި ނަމަވެސް މިހާރަކަށް އައިސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރައްވަން ފެއްޓެވުމުން އޭނާ ވިދާޅުވާ އެއްޗަކުން ހެވާއި ނުބައި އޮޅޭ ގޮތް ވެފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި "ތިމާ ބުނާ އެއްޗެއް ބުނަންވާނީ އެކަމުގެ ދިރާސާއެއް" ކުރުމަށްފަހުގައި ކަމަށް ހުސައިން ވިދާޅުވިއެވެ.

2 thoughts on “އިޔާޒު ވިދާޅުވަނީ ބިދުއެއް ކަމަށް، ހުސައިން ވިދާޅުވީ ސުންނަތެއް ކަމަށް

  1. Dr. Iyaz vudhaalhuvee “Thunjeenaa” salawaath ge vaahaka. Sh. Ahmed Rasheed radhdhu dhevvaanama dhevvan jeheynee salawaathuge namah nisbaiy koh. Ehen noon nama vaanee olhuvaalumakah.

Leave a Reply

Your email address will not be published. Required fields are marked *