ފުލުހުންގެ އެފްސީޕީޑީގެ އާ އިމާރާތަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭން އެސްޓީއޯ އާއެކު އެއްބަސްވެއްޖެ

ފުލުހުންގެ އެފްސީޕީޑީގެ އާ އިމާރާތް ނިންމުމަށް ބޭނުންވާ ސާމާނު އެސްޓީއޯ އިން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރަނީ ---

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) ގެ އައު އިމާރާތަށް ބޭނުންވާ ސިވިލް، ފިނިޝިން މެޓީރިއަލްސް އަދި ކޯނޭލިފްޓް ފޯރުކޮށްދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްޓޭޓް ޓްރޭޑިންގެ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް ހަނީފްއެވެ.

މިއެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ފަރާތުން ސަޕްލައި ކުރުމަށް ހަމަޖެހިފައި ވަނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ އިމާރާތް ނިންމުމަށް ބޭނުންވާ ސާމާނެވެ.

މި އިމާރާތަކީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ހިންގުމަށް ބޭނުން ކުރެވޭ އިމާރާތަކަށް ވާތީ އިމާރާތް އަވަހަށް ނިންމުމަށް އެސްޓީއޯ އިން އެހިތެރިވެދޭނެއެވެ.

އެފްސީޕީޑީގެ އައު އިމާރާތުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އެ އަހަރު އެ އިމާރާތަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އަންނަ އަހަރު މި މަސައްކަތަށް ބަޖެޓުގައި 2,317,475 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.