ޖެނުއަރީ އެއްވަނަ ދުވަހު ހަތަރު ގަޑިއަރަށް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

ކާފިއުގެ ވަގުތުގައި ފުލުހުން ހުޅުމާލޭގައި: ފޮޓޯ / ހަތާވީސް

އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ހަތަރު ގަޑިއަރަށް މާލެ އަދި ވިލިމާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރަކީ ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތުމުން ގިނަ ދުވަސްތަކެއް ގޭތެރޭގައި ހޭދަކުރަން ޖެހި، ދަތުރު ކުރުން ވެސް ހުއްޓުނު އަހަރެއް ކަމަށެވެ.

މިއަދާއި ހަމައަށް ދިޔައިރުވެސް މި ބަލި މަޑުކަމުން އާއްމު ހާލަތަށް ދެވިފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ. ކައުންސިލް އިން ބުނީ މިހާލަތުގައި ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ގެނެސް ދިނުމެއް ދޭން ބޭނުންވާ ކަމަށެވެ.

އެގޮތުން މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ އަންނަ އަހަރުގެ ޖެނައަރީ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 ން 8:00 އަށް ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލް އިން ބުނެފައިވެއެވެ.

ސިޓީ ކައުންސިލް އިން ބުނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ފިޔަވައި އެހެން އުޅަނދެއް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

މި އެންގުމާ ހިލާފްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.