ނިހާންގެ މުދަލާއި ފައިސާ ދައުލަތަށް ނަގަން ކޯޓުގައި އެދިއްޖެ

ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއެކު، 2017 ވަނަ އަހަރު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ނިހާން (ކ)-- ފޮޓޯ/ ސަން

ރިޝްވަތާއި މަނީ ލޯންޑަރިން ކޮށްގެން، ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހޯއްދެވި ކަމަށް ބުނާ ފައިސާ އާއި މުދާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު އެދިއްޖެއެވެ.

ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެގޮތަށް އެދުނީ ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލުމަށް ކުރި ދައުވާގައެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މިއަދު ވަނީ ނިހާންގެ މައްޗަށް ދައުވާ ކުރި މައްސަލައާ ގުޅޭ ނޫސްބަޔާނެއް ނެރެފައެވެ.

އެތައް ލައްކަ ޑޮލަރަކާއި ފްލެޓާއި އަގުބޮޑު ރޮލެކްސް ގަޑި، ނިހާން ކުށްކޮށްގެން ހޯދާފައިވާ ކަމަށް، އޭނާގެ މައްޗަށް އުފުލި ދައުވާއާ ހަވާލާދީ ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ނިހާނަށް ކުރި ދައުވާތަކުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުކަމާއި މާލިއްޔަތު ކޮމެޓީގެ މުގައްރިރުކުގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ބަދަލުގައި ރިޝްވަތަށް އެދި، ރިޝްވަތު އޭނާ ހޯދާފައިވާ ކަމަށެވެ. ރިޝްވަތުގެ ފައިސާ ނަގާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަމަށް ދައުވާގައިވެއެވެ.

“…އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އަދި އަހުމަދު އަދީބު އަބްދުލްޣަފޫރު ދީފައިވާ ރިޝްވަތު ހިފައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވެއެވެ،” ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ނިހާންނަށް ކުރާ ހަ ދައުވާގެ ތެެރެއިން ފުރަތަމަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރަނީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިކޮށް، އެސްއޯއެފްގެ 150،000 ރުފިޔާގެ ޑޮލަރުގެ ޗެކެއް ލިބިވަޑައިގެންފައިވާތީއެވެ.

އޭނާއަށް ކުރާ ދެ ވަނަ ދައުވާއަކީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކުރަނީ އަދީބު މެދުވެރިކޮށް، 150،000 ޑޮލަރުގެ ޗެކެއް ހޯދައި، އެ ފައިސާ ބޭނުންކޮށްގެން ޕްލެޓިނަމް ރެޒިޑަންސްއިން ޕްލެޓެއް ގެނެފައިވާތީއެވެ.

ތިން ވަނަ ދައުވާއަކީ ރިޝްވަތުގެ ގޮތުގައި އަގުބޮޑު ރޮލެކްސް ގަޑިއެއް ދިނުމަށް އެދިފައިވާތީ، އޭނާގެ މައްޗަށް ކުރާ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާއެވެ. އެ ގަޑި އޭނާ ރިޝްވަތުގެ ގޮތުގައި ނެގީ 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ޖޭއެސްސީއަށް މެމްބަރަކު ހޮވަން މަޖިލީހުގައި ނެގި ވޯޓަކާ ގުޅިގެން ކަަމަށް ދައުވާގައިވެއެވެ.

މީގެ އިތުރުން ވިޔަފާރިވެރިޔާ ބިސް މަނިކު މެދުވެރިކޮށް، އަދީބު ދިން ރޮލެކްސް ގަޑި ނިހާން ބަލައިގެންފައިވާތީ، އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައެވެ. އަދި އަދީބު އަރިހުގައި 650،000 ރުފިޔާ ދިނުމަށް ނިހާން އެދިފައިވުމުން އޭނާގެ މައްޗަށް ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ އަދަދަށް އަދީބު ފައިސާ ދިނުމުން، އެ ފައިސާގައި ހިފާފައިވާތީ އެނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ ވެސް އުފުލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.