ރައީސް ވިދާޅުވީ ފަޒޫގެ ގެއަށް ފުރަތަމަ ދިޔަ ދުވަހު ފެށީ ރޯން ކަމަށް!

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން: ފުރަތަމަ ދިމާވި ދުވަހުގެ ހަނދާންތައް ކިޔައިދެއްވި-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ފަޒޫ)އާ ފުރަތަމަ ބައްދަލުވި ދުވަހުގެ ހަނދާންތައް ރައީސް ތަފްސީލުކޮށް ވިދާޅުވެއްޖެއެވެ. މީގެ 40 އަހަރު ކުރީގެ އެ ހަނދާންތަކަކީ މީގެ ކުރިން “ނުދައްކާ ވާހަކަތަކެއް” ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައީސް ސާލިހު މިއަދު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ މާލެ ވަޑައިގެންނެވީ 1980ގެ ކުރީކޮޅު ކަމަށެވެ. މާލެ ވަޑައިގެންނެވީ ތައުލީމު ހާސިލުކުރުމަށް ކަމަށާއި މާލޭގައި ފުރަތަމަ ހުންނެވީ “ފަޒޫމެން ގޭގައި” ކަމަށެވެ. އޭރު ރައީސްގެ އުމުރުފުޅުން 15 އަހަރެވެ.

އެ ގޭގައި އެމަނިކުފާނު ބެހެއްޓެވި ސަބަބު ވެސް ރައީސް އޮޅުންފިލުވައި ދެއްވިއެވެ. ރައީސް ސާލިހުގެ ބައްޕަ އާއި ފަޒޫގެ ބައްޕައަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ވިޔަފާރީގެ ގުޅުން ދެ ބޭފުޅުންގެ މެދުގައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަޒޫމެންގޭގައި ބެހެއްޓުމުން “ހުއްޓާނުލާ ރޯން ފެށީ”އެވެ.

“ގެންދިޔައީމަ، އަޅުގަނޑު ނުހުރިން އެ ގޭގައި. ރޯން ފެށީ. ރޯން ފެށި ގޮތަށް، އެ ރޭ 12 ޖަހަންދެން، އަޅުގަނޑު ހުއްޓާނުލައި ރުއިން. އެންމެ ފަހުން، އަޅުގަނޑު ގޮވައިގެން، އަޅުގަނޑު ބޮބުބޭބެ، ގެއަށް ގެންދިޔައީ. ގެންދިޔަ ގޮތަށް އެ ގޭގައި ހުރެ، އަޅުގަނޑުގެ ކިޔެވުން، ނިމިގެންދިޔައީ،” ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމްގައި ރައީސް ސާލިހު– ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ފަސްޓް ލޭޑީއާ ބައްދަލުވި ދުވަސް ކަމަށް، އެކަމަނާ ޖައްސަވާ ތާރީހަކީ އެއީ ކަމަށެވެ. އެ ތާރީހުގެ ޚާއްސަކަމުން، ޕާސްވޯޑަކަށް ވެސް އެ ތާރީހު ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ތާރީހަކީ ކޮބައިކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

“އެހެންވީމަ އެ ވެދާނެ އެންމެ ފުރަތަމަ ދުވަހަށް [ބައްދަލުވި ދުވަހަށް]. އެދެން ވަރަށް ކުޑައިރު، ދިމާވެފައި. ނަމަވެސް މިހާރު އަޅުގަނޑުމެން އެނބުރި އައިސް އަޅުގަނޑުމެން ދެ މީހުން އެއް ގެއެއްގައި އެކީގައި އުޅެންޖެހިފައި މި އޮތީ. ނަމަވެސް ފުރަތަމަ ދުވަހު އެނގެއިން ރޮމުން ރޮމުން، ނުކުމެގެން އައީ،” ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑަށް 58 ފުރުމުގެ މުނާސަބާއާ ގުޅުވައިގެން ކުރިއަށް ގެންދިޔަ “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމްގައި ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މާލެ ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައްޕާފުޅު އަވަހާރަވި ކަމަށެވެ. ރައީސްގެ ބައްޕާފުޅަކީ ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްގައި ރައީސް ސާލިހު (މ)– ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ބައްޕާފުޅާއި މަންމާފުޅު ދެއްވި ނަސޭހަތްތަކުގެ ތެރެއިން އެންމެ ހަނދާންވަނީ “ހަސަދަވެރި ނުވުމަށް” ދެއްވި ނަސޭހަތް ކަމަށެވެ. ބައްޕާފުޅު އަވަހާރަވުމުގެ ކުރިން ލިޔުއްވި ސިޓީފުޅެއްގައި ވެސް އެ ވާހަކަ ލިޔުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ގާތްގަނޑަކަށް 15 ވަރަކަށް އަހަރުވާނީ، މާލެ އައިތާ ކައިރިގައި. ބައްޕަ ލިޔުއްވާފައިވާ ސިޓީއެއް ވެސް އަޅުގަނޑުގެ އަތުގައި އެބަ އޮތް. އޭގައި ވެސް އެ ވާހަކަ ލިޔުއްވާފައި އެބަ އޮތް. ނަސޭހަތެއްގެ ގޮތުގައި ވީހާ ވެސް ބޮޑަކަށް އެންމެންނާ އެކީގައި އުޅޭށޭ. އެއްވެސް މީހަކާ ދޭތެރޭގައި ހަސަދަވެރިކަން ނުބާއްވާށޭ. އާއިލާ އާއި އެހެން މީހުންނަށް ވީ ވަރަކުން، އެހީތެރިވެ ދެވޭތޯ ބަލާށޭ،” އުމުރުފުޅުން 58 އަހަރުގެ ރައީސް ސާލިހު ވިދާޅުވިއެވެ.

“ސިޔާސީ ކަންތައްތަކުގައި އުޅޭއިރު ވެސް އެންމެން ކައިރީގައި އަޅުގަނޑު ބުނާ ވާހަކައެއް ހަސަދަވެރިކަން ދޫކޮށްލާށޭ. ކިތަންމެ ވަރަކަށް ހިޔާލުތަފާތު ވިޔަސް، އެ ގުޅުން ބާއްވަންވާނެ. އެހެން ނޫނިއްޔަކާ އެއަކުންނެއް ރަނގަޅު ފައިދާއެއް ނުނުކުންނާނެ އިނގޭތޯ. އެއީ އެންމެންނަށް އަޅުގަނޑުދޭ ނަސޭހަތެއް. ދެން އަޅުގަނޑަކަށް ވެސް މި އުޅެވެނީ އެކަހަލަ ގޮތަކަށް.”

ހިޔާލު ދެއްވާ!

Your email address will not be published.