"އައްޑޫ ޓޫރިޒަމް ފުޅާކުރަން ކުރި އެންމެ އަގުހުރި މަސައްކަތަކީ ބިމު ކުލި ހެޔޮކުރުން"

އައްޑޫ މޭޔަރުކަމަށް ވާދަ ކުރައްވާ އަލީ ނިޒާރު: ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކަށް ތައުރީފު ކުރެއްވި

‫އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާ ކުރުމަށް މި ސަރުކާރުންކޮށްދިން އެންމެ އަގުހުރި މަސައްކަތަކީ އެ ސިޓީގައި ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ އަގު ހެޔޮކޮށްދިނުން ކަމަށް އައްޑޫ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.‬

ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައި 10 ވަނަ އިސްލާހު ރައީސް ސޯލިހު ތަސްދީގުކުރެއްވުމާ އެކު، މުޅި ރާއްޖެއިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ އަގުވަނީ ހެޔޮވެފައެވެ. އެގޮތުން އެންމެ ބޮޑަށް، އަގު ހެޔޮވެގެން ދިޔައީ އައްޑޫ ސިޓީ އާއި ފުވައްމުލަކުން ދޫކުރާ ބިންތަކުންނެވެ. އެ ދެ ސިޓީން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ އަގު އުޅޭނީ އަކަފޫޓެއް ދެ ޑޮލަރާއި އެއް ޑޮލަރާ ދެމެދުގައެވެ.‬

އަލީ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައި ބަދަލަކީ ތަރައްގީ ހޯދައިދިނުން ކަމަށާއި އެކަމަށްޓަކާ ޝުކުރު އަދާ ކުރާ ކަމަށެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީ ކުރާ ނަމަ އަކަމީޓަރެއް ދޫކުރާނީ ދެ ޑޮލަރަށެވެ. މީހުން ދިރިއުޅޭ ރަށެއްގައި ޓޫރިޒަމްގެ ބޭނުމަށް ތަނެއް ތަރައްގީ ކުރެވޭނީ އަކަމީޓަރަކަށް އެއް ޑޮލަރުގެ މަގުންނެވެ.

މީގެ ކުރިން ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރަނީ އަހަރަކު، އަކަމީޓަރެއް އަށް ޑޮލަރުގެ މަގުންނެވެ. އަލަށް ގެނައި އިސްލާހާއެކު، އެއް ޑޮލަރުން ފެށިގެން އަށް ޑޮލަރާ ހަމައަށް އަކަމީޓަރެއްގެ އަގު ވަނީ ކަނޑައަޅާފައެވެ.

ރައީސް އޮފީހުން ބުނީ ޓޫރިޒަމާ ބެހޭ ޤާނުނަށް އަލަށް ގެނައި އިސްލާހުގައި، ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި އެ ދާއިރާ ހިންގުމަށް ބާރުއަޅާފައިވާނެ ކަމަށެވެ. އަދި ޓޫރިޒަމަށް ތަންތަން ތަރައްޤީކުރުމަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް އެ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.