ގާޒީގެ އިންޒާރު: ދެ ވަނަ އާފިޔާއެއް އުފަންވިޔަނުދޭން ފިޔަވަޅުއަޅާ!

އަނިޔާވެރި މަންމަ، އާފިޔާ: އޭނާ އުޅެބޮޑުވީ ވެސް އަނިޔާތަކުގެ ތެރޭގައި-- ފޮޓޯ/ މިހާރު

ވ. ރަކީދޫގައި މީގެ ފަސް އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލި، މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލައާ ގުޅިގެން، ދައުލަތުގެ އިދާރާތަކުން އިތުރަށް ސަމާލުވާންޖެހޭ ކަންތައްތަކެއް ހުކުމް އިއްވި ގާޒީ ފާހަގަކުރައްވައިފިއެވެ.

ނިދާފައި އޮއްވައި ކަރުގައި ހިފައި، ކޮޅުފައިން ތަޅައި އަނިޔާކޮށް، އުމުރުން ތިން އަހަރުގެ އިބްތިހާލު މަރާލިކަން، އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް މިއަދު ވަނީ ސާބިތުވެފައެވެ. ހުކުމް ކުރީ 20 އަހަރަށް ޖަލަށެވެ. އިސްލާމީ ޝަރީއަތާއި ޖިނާއީ އަދުލުގެ ޤާނޫނުތަކާ ހަވާލާ ދެއްވައި، ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ ވަރަށް މުހިއްމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ. "ދެ ވަނަ އާފިޔާއެއް އުފަންވިޔަ" ނުދިނުމަށްޓަކާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލު ކަމެއް ދައުލަތުން ދޭންްޖެހޭކަން ފާހަގަކުރެއްވިއެވެ. ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އިޝާރާތް ކުރެއްވިއެވެ.

އިބްތިހާލުގެ މަރާ ގުޅޭ ބަޔާންތަކާ ހަވާލާ ދެއްވައި ގާޒީ ސަމީރު ވިދާޅުވީ އިބްތިހާލަށް އަނިޔާކުރާ ކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ. ރަށުގެ މީހުން އެކަން ރިޕޯޓް ނުކޮށް، ސިއްރުކޮށްގެން ތިބިކަން ބަޔާންތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. އިބްތިހާލަށް އަނިޔާކުރިކަން ދައުލަތުގެ އިދާރާތަކަށް އެނގުނު ހިސާބުން ވެސް އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދެވި ވަނިކޮށް، އެ ކުއްޖާ މަރުވީ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ގާޒީ ފާހަގަ ކުރައްވާފައިވާ އަނެއް ކަމަކީ އާފިޔާއަށް ލިބުނު އަނިޔާތަކެވެ. ނަފްސަށް ދެވުނު ހަމަލާތަކެވެ. ދިރިއުޅުނު ވެށިންނެވެ. ގޭ ތެރެއިންނެވެ. އަނިޔާވެރިޔަކަށް އާފިޔާވީ ގޮތް، ރަކީދޫ މީހުންނަށް ވަރަށް ބޮޑަށް ސާފުވާނެއެވެ.

ގާޒީގެ ވާހަކަ އިތުރަށް ތަފްސީލު ކުރުމުގެ ކުރިން، އާފިޔާ ދަންނަ މީހުން އޭނާ ކިޔައިދެނީ މި ގޮތަަށެވެ؛ އެއީ "ހާލުގައި" ބޮޑުވި އަންހެނެކެވެ. ޖިންސީ ޝިކާރައަކަށް ވީ ޖިސްމެކެވެ. ކަސްބީއަކަށް ހެދިއެވެ. ހަށިވިއްކަން މަޖުބޫރު ކުރުވިއެވެ. ގޭ ތެރެއިންނެވެ. އާއިލާ ތެރެއިންނެވެ. އެ އަނިޔާތައް ލިބިލިބި ހުރި އާފިޔާ، އިބްތިހާލަށް ބަލިވެ، އިނދެ ވިހެއީއެވެ. އަސްލު މަންމަ ކައިރީގައި އުޅެ، "އަސްލު" ލޯބި ނުލިބި ބޮޑުވި އަންހެނަކީ އާފިޔާއެވެ. އެއީ ބައްޕަ ނެތް ޔާރެކެވެ.

ހުކުމް އިއްވި ޝަރީއަތުގައި އާފިޔާގެ އުޅެބޮޑުވި "ދުނިޔެ" ގާޒީ އިއްވައިދިނެވެ. ގާޒީ ވިދާޅުވީ އާފިޔާ އުޅެ ބޮޑުވީ، ރައްކާތެރިކަން ދޭނެ އެއްވެސް މީހަކު ނެތިއެވެ. ދޮންބައްޕަގެ ފަރާތުންނާއި އެކި މީސްމީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އާފިޔާ ބުނާ ކަމަށެވެ. އާފިޔާގެ މަންމަ އެކަން ސިއްރު ކުރި ކަމަށް އާފިޔާ ބުނާ ކަމަށާއި ހަށިވިއްކައިގެން ފައިސާ ހޯދަން މަންމަ އާއި ދޮންބައްޕަ މަޖުބޫރު ކުރި ކަމަށް ވެސް އާފިޔާ ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާފިޔާއަށް އެ ލިބުނު އަނިޔާތަކާ ގުޅިގެން ގާޒީ ވިދާޅުވީ އާފިޔާގެ ނަފްސަށް ލިބުނު އަނިޔާތަކަށް އިންސާފު ލިބިފައި ނެތް ކަމަށެވެ.

އާފިޔާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާފައިވާ ރިޕޯޓުގައި ބުނެފައިވާ ވާހަކަތައް ވެސް ގާޒީ މިއަދު ވަނީ ވިދާޅުވެދެއްވާފައެވެ.

އިބްތިހާލަކީ ބައްޕަ ނެތް ކުއްޖަކަށްވާތީ، ރަށު މީހުން އާފިޔާއާ ދިމާކުރެއެވެ. އިބްތިހާލަށް އަނިޔާ ކުރެވުނީ އެކަމާ ރުޅި އަންނާތީ ކަމަށް އާފިޔާ ބުނެއެވެ. ނަމަވެސް އެކުށަށް އަދަބު ލިބިގަންނަން އާފިޔާ ބޭނުންވާ ކަމަށް ނަފްސާނީ ހާލަތު ދެނެގަތުމަށް ހެދި ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓާ ހަވާލާ ދެއްވައި ގާޒީ ވިދާޅުވީ އާފިޔާގެ ކިބައިން އާދަޔާ ޚިލާފު ރުޅިވެރި ވިސްނުން ހުރުމުން އެހެން މީހެއްގެ ފުރާނައަށް އޭނާގެ ފަރާތުން އިތުރަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާފިޔާ އެކަހެރި ކުރަންޖެހޭ ކަމަށެވެ.

ބަނޑުއަޅައި ވިހެއި އަމިއްލަ ދަރިފުޅުގެ ފުރާނައަށް ފަރުވާލެއް ނެތި، އެ ކުއްޖާ މަރާލި މަންމަ 20 އަހަރަށް ޖަލަށްލުމުން، އިންސާފު ލިބުނީ ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ގާޒީ ކުރެއްވި ހުކުމުގެ އަނެއްކޮޅު، އެބަ ފެނެއެވެ. މަންމަގެ އަނިޔާވެރި އުނގުތެރެއަށް އެ ކުއްޖާ ވެއްޓުނު ގޮތް، އެބަ ކިޔައިދެއެވެ. އަނިޔާގެ ފެށުން އައީ އާފިޔާގެ ފަރާތަކުން ނޫން ކަމާއި އަނިޔާ ލިބިބިލި ހުރި އަންހެނަކު އަނިޔާވެރިއަކަށްވީ ގޮތް އެބަ ބުނެދެއެވެ. އެ ވާހަކަ ބުނެދެނީ ވެސް ހަމަ އެ ހުކުމުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.