ރިސޯޓު ހެދުމަށާއި ގެސްޓުހައުސަށް ބިން ދޫކުރާ އަގު ހެޔޮކޮށްފި

ހުވަދު އަތޮޅުގެ ފަޅު ރަށެއް: އެންމެ އަގުހެޔޮކޮށްފައި ވަނީ އައްޑޫ އާއި ފުވައްމުލަކު ސިޓީން-- ފޮޓޯ/ ހަތާވީސް އޮންލައިން

ރިސޯޓުތަކާއި ޓޫރިސްޓު ހޮޓަލާއި ޔޮޓް މެރީނާ އާއި އިންޓްގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓައް ތަރައްގީކުރުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލީގެ އަގު ހެޔޮކޮށްފިއެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކުގެ އަގުތައް ހެޔޮކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި 10 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ ތަސްދީގު ކުރެއްވުމުންނެވެ.

މީގެ ކުރިން ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރަނީ އަހަރަކު، އަކަމީޓަރެއް އަށް ޑޮލަރުގެ މަގުންނެވެ. އަލަށް ގެނައި އިސްލާހާއެކު، އެއް ޑޮލަރުން ފެށިގެން އަށް ޑޮލަރާ ހަމައަށް އަކަމީޓަރެއްގެ އަގު ވަނީ ކަނޑައަޅާފައެވެ.

އެންމެ އަގުހެޔޮކޮށް ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރާނީ އައްޑޫ ސިޓީ އާއި ފުވައްމުލަކުންނެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީ ކުރާ ނަމަ އަކަމީޓަރެއް ދޫކުރާނީ ދެ ޑޮލަރަށެވެ. މީހުން ދިރިއުޅޭ ރަށެއްގައި ޓޫރިޒަމްގެ ބޭނުމަށް ތަނެއް ތަރައްގީ ކުރެވޭނީ އަކަމީޓަރަކަށް އެއް ޑޮލަރުގެ މަގުންނެވެ.

ރާއްޖޭގެ އުތުރުން، ހއ. ހދ. އަދި ށ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަން އަހަރަކަށް، އަކަމީޓަރެއް ދެން ލިބޭނީ ހަތަރު ޑޮލަރަށެވެ. އަދި ހއ. ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި ގެސްޓްހައުސަށް ބިން ދޫކުރަނީ ދެ ޑޮލަރުގެ ރޭޓުންނެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން އެންމެ އަގު ބޮޑުކޮށް ރާއްޖެއިން ބިން ދޫކުރަނީ މެދުރާއްޖެތޭރޭގެ އަތޮޅުތަކުންނެވެ. އެގޮތުން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގައި ރިސޯޓު ހެދުމަށް ބިން ދޫކުރާނީ އަހަރަށް، އަކަމީޓަރެއް އަށް ޑޮލަރުގެ މަގުންނެވެ. އެ 11 އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި ގެސްޓްހައުސެއް ހިންގުމަށް ބިން ދޫކުރާނީ އަކަމީޓަރެއް ހަތަރު ޑޮލަރުގެ ރޭޓުންނެވެ.

ތ، ލ، ގއ، ގދ އަތޮޅުތަކުން އަކަމީޓަރެއް އަހަރަކަށް ދޫކުރާނީ ހަ ޑޮލަރުގެ ރޭޓުންނެވެ. އަދި ށ، ތ، ލ، ގއ، ގދގެ ރަށްތަކުގައި ގެސްޓްހައުސް ހެދުމަށް ބިން ދޫކުރާނީ އަހަރަށް ތިން ޑޮލަރުގެ ރޭޓުންނެވެ.

 

ރައީސް އޮފީހުން ބުނީ ޓޫރިޒަމާ ބެހޭ ޤާނުނަށް އަލަށް ގެނައި އިސްލާހުގައި، ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި އެ ދާއިރާ ހިންގުމަށް ބާރުއަޅާފައިވާނެ ކަމަށެވެ. އަދި ޓޫރިޒަމަށް ތަންތަން ތަރައްޤީކުރުމަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް އެ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.