އިންތިހާބުގައި ވާދަކުރަން ހުޅުވާލުމަށް އެދި ހައި ކޯޓަށް

އިންތިހާބެއްގައި ދޮށީ އުމުރުގެ މީހަކު ވޯޓުލަނީ: ފޮޓޯ/ ސަން

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އަލުން ހުޅުވާލުމަށް އަމުރުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައި ކޯޓަށް އަމިއްލަ ފަރާތަކުން ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

މުހައްމަދު ތަސްލީމް ކިޔާ މީހަކު ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމުގެ އިތުރު ފުުރސަތެއް ދިުނުމުގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނުނުގެ ތިން ވަނަ މާއްދާގެ (ހ) ބާތިލުކޮށްދިނުމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް 6 މާޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށެވެ.

އެ ޤާނޫނުގައި ބުނެފައިވާ ގޮތުން ފަސްކުރެވިފައިވާ އިންތިހާބު ޤާނޫނަށް އަމަލު ކުރަން ފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އަމަލުކުރަން ފެށިތާ އެއް އަހަރު ވާނީ 2021 ވަނަ އަހަރުގެ މއި މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ކުރިން އިންތިހާބު ބާއްވައި ނިންމަންވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަންނަ މާޗުގެ ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އިންތިހާބު ބޭއްވޭނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށާއި އިންތިހާބު ކުރިއަށް ގެނދިއުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމަށްޓަކާ ކައުންސިލް އިންތިހާބުގެ ޚާއްސަ ޤާނޫނުގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށް ބުނާ މާއްދާއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.