ހިޔާލުތަފާތުވާންޖެހޭނީ ބޭނުމަކު ކަމަށާއި އެއީ މޮޅު ގޮތެއް ހޯދުމަށް ކުރާ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ. ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ބަހުސް ކުރަންޖެހޭނީ މޮޅު ގޮތްތަކެއް ހޯދަން ކަމަށާއި ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
“ހިޔާލުތަފާތުވާން ޖެހެނީ ބޭނުމަކު، އެއީ އެ ނޫން މޮޅު ގޮތެއް ހޯދުމަށްޓަކާ ހިޔާލުތަފާތުވާން ޖެހެނީ. ބަހުސް ކުރަންޖެހެނީ މޮޅު ގޮތްތަކެއް ހޯދަން. ރަށަށް، އަތޮޅަށް، ގައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީ އެއީ ވެސް ކޮށްގެންވާނެ ކަމެއް ނޫން. އަނިޔާވެރިކަމަށް ހިތްވަރު ދިނުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން،” ނައިބު ރައީސް ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ނަމާދުގައި އެއް ސަފެއްގައި، އެއް ޖަމާއަތެއްގައި ތިބޭ ތިބުމުން، ދީނުގައި ހަމަހަމަކަން އޮތް މިންވަރު ހާމަވާ ކަމަށެވެ. ތަރައްގީ ހާސިލްކުރެވޭނީ ވެސް އެއްބައިވަންތަކަމާއެކު، ތިބެގެން ކަމަށާއި އަދާވާތްތެރިވުން ދޫކޮށްލަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
“ވަކި ހިޔާލެއް ހުރީތީވެ ރަށަށް އަންނަ ކުރިއެރުން، ގައުމަށް އަންނަ ހަމަޖެހުން ހުރަސް އަޅާ ބަޔަކަށް އެއްވެސް ބަޔަކު ނުވަމާ ހިނގާށޭ. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް، އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކާ އެ މަސައްކަތް ކުރަމާ ހިނގާށޭ،” ނައިބު ރައީސް ވިދާޅުވިއެވެ.
ކޮންމެ މަސައްކަތެއްގައި މަދަދުވެރިވުން ދައްކައިދޭންޖެހޭ ކަމަށް ވިދާޅުވެ، ނައިބު ރައީސް ވިދާޅުވީ ކޮވިޑް19ގެ މި ހާލަތުގައި ވެސް ދިވެހިން ދައްކަމުންދާ އެހީތެރިކަމަކީ ނަމޫނާއެއް ކަމަށެވެ. ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުންނާއި ދަރުމަވެރިން ދައްކަމުންދަނީ މިސާލެއް ކަމަށް ނައިބު ރައީށް ވިދާޅުވިއެވެ.