ފުލުހުންގެ އާ ޤާނޫނާއެކު، ރައްކާތެރިކަން އިހްސާސްވާ މިންވަރު އިތުރުވާނެ: ހަސަން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު: ރައީސް ތަސްދީގު ކުރެއްވި ޤާނޫނަކީ ހަސަން މަޖިލީހަށް ހުށަހަޅައި، ފާސްކުރި ބިލެއް-- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި ފުލުހުންގެ އާ ޤާނޫނާ އެކު، ރައްޔިތުންނަށް ރައްކާތެރިކަން ލިބޭކަން އިހްސާސްވާ މިންވަރު އިތުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް އެ ޤާނޫނު ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އާ ޤާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން، ރައީސް ސާލިހަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމުން ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަނޑައަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު 59 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު އެ ދުވަހު ވޯޓެއް ނުދެއްވައެވެ. ނަމަވެސް 17 މެމްބަރަކު އެ ބިލު ފާސްކުރި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ޤާނޫނު ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އަމަލު ކުރަންޖެހޭ މި ޤާނޫނުގައި ބުނެފައި ވަނީ އަނިޔާވެރި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފުލުހުންނާ މެދު ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ޤާނޫނުގެ މަޤްޞަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީ އާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަޤްޞަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚްތިޔާރުތައް ޤާނޫނުއަސާސީއާއި އިންސާނީ ޙައްޤުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަކީ އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.