“ވިސްނާ” ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޖަލްސާއެއް ބާއްވާފައި ވަނިކޮށް، ފުންކޮށް ވިސްނުމަށާއި އޭރުން ސާފުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، އިދިކޮޅުން ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހު، ބޭއްވި ފުރަތަމަ ޖަލްސާގައި ޕީޕީއެމަށް ތާއިދު ކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި “ވިސްނާ” ޖަލްސާގައި ސަރުކާރުން ނުފުއްދިވާ ވައުދުތައް ތަކުރާރުކުރިއެވެ.
މިއަދު ހެނދުނު މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލައަށް ވިސްނުމަށާއި ވަގުތު ހޭދަކޮށްގެން ވެސް ވިސްނުމަށެވެ. އޭރުން ސާފުވާނެ ކަމަށެވެ.
Visnaasheve. Funkoh visnaasheve. Amihlayah visneysheve. Balaasheve. Vaguthuheydhakohgenves visnaasheve. Saafuvaane eve. Allah ge rahumaihlahvaa heyovisnundhehvaandheyve. Visnaasheve . Ameen
— Fayyaz Ismail (@faya_i) December 27, 2020
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ މަސްވެރިންނަށާއި ދަނޑުވެރިންނަށް ސަރުކާރުންވި ވައުދު ނުފުއްދޭ ކަމަށާއި ބޯހިޔާވަހިކަމުގެ ވައުދު ވެސް ނުފުއްދޭ ކަމަށެވެ. އަދި އިންސާފު ވެސް ގާއިމު ނުކުރެވޭ ކަމަށާއި ހަމަނުޖުން ވެސް ގާއިމު ނުވާ ކަމަށެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ވެރިކަން ނިމިގެންދިޔައިރު މަސްވެރިންނާއި ދަނޑުވެރިންނަށް ޕީޕީއެމުން ދޭން ބުނި “ބެޔަސް ނުބެޔަސް 10،000 ރުފިޔާ” ނުދެވި ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. އަދި ކުރީގެ ސަރުކާރުން އެޅި ފްލެޓުތައް ނުހުއްގުން، ޕާޓީތަކުގެ އެކްޓިވިސްޓުންނާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކަށް ޕީޕީއެމުން ބަހާފައިވާކަން ފަޅާއަރާފައިވަނިކޮށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ބޭސްފަރުވާ ނުލިބި، ގޮތް ނޭނގޭ ގޮތަކަށް 15 ވަރަކަށް މީހުން މަރުވެފައިވެއެވެ. އަދި އިދިކޮޅު ހުރިހާ ލީޑަރުން ބަންދުކޮށް، އެ ލީޑަރުންގެ މައްޗަށް ސިޔާސީ ދައުވާތައްކޮށް، މަޖިލިސް މެމްބަރުން ހައްޔަރު ކުރީ ވެސް ކުރީގެ ސަރުކާރުގައެވެ.