ނަޝީދު 1،000 އަހަރު ޖަލުގައި އޮންނަވާނެ: ޖަމީލު

ޕީޕީއެމްގެ ވިސްނާ ޖަލްސާގައި ޑރ. ޖަމީލު: އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީޕީއެމަށް ތައުރީފު ކުރެއްވި-- ފޮޓޯ/ ހަތާވީސް

އިންތިގާލީ އިންސާފުގެ ޤާނޫނު ރަނގަޅަށް ތަންފީޒުވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 1،000 އަހަރު ޖަލުގައި އޮންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އިންތިގާލީ އިންސާފުގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ. އިންތިގާލީ އިންސާފުގެ ޤާނޫނަކީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން 1953ވަނަ އަހަރުން ފެށިގެން، 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިންގާފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެކެވެ.

"ކުރީގައި އަޅުގަނޑުމެން ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށްދާނީ. މިރޭ ހިތާމައާ އެކީގައި، އަޅުގަނޑު އެއްވެސް ހާލެއްގައި އުފާވާ ވާހަކައެއް ނޫން. ހިތާމައާއެކު ދަންނަވާލަން ބޭނުންވަނީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެކަމަގައިވާނަމަ، ރައީސް ނަޝީދު އެއްވެސް ޝައްކެއް ނެތް ގޮތުގައި 1،000 އަހަރު ޖަލުގައި އޮންނަވާނެ،" ޕީޕީއެމްގެ ސަޕޯޓަރުންނާ އެކު ކާނިވަލުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޖަމީލު ވިދާޅުވިއެވެ.

ނަޝީދު 1،000 އަހަރު ޖަލުގައި އޮންނަވާނެ ކަމަށް ޖަމީލު ވިދާޅުވެފައި މި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެފަދަ މޭރުމަކުން އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ނަޝީދަށް ނިސްބަތްކުރައްވައި އޭރު ވިދާޅުވީ ދިގުމުއްދަތަކަށް ނަޝީދު ޖަލަށްލާނެ ކަމަށެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލު ވިދާޅުވީ އެ ޕާޓީއަކީ ހުޅުޖަހާ ޕާޓީއެއް ކަމަށާއި ފަނޑިޔާރުން ވަގަށް ނަގައި އިސްނާފަށް ހުރަސް އަޅާ ޕާޓީއަކީ އެއީ ކަމާށެވެ.

ރައީސް ޔާމީންގެ ނައިބު ރައީސަކަށް ހުންނެވުމަށްފަހު، ފިއްލަވައިގެން އިނގިރޭސީވިލާތަށް ވަޑައިގެން ހުންނަވައި ޕީޕީއެމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ޖަމީލު މިރޭ ވަނީ ޕީޕީއެމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޕީޕީއެމްގެ މެމްބަރުންނާ މުހާތަބު ކުރައްވައި ޖަމީލު ވިދާޅުވީ "އަޅުގަނޑުމެންނަކީ ބްރިޖުއަޅާ ޕާޓީ" ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2023ގައި އަންނާނީ ޕީޕީއެމްގެ ވެރިކަމެއް. ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުން. މަސްވެރިން، ދަނޑުވެރިން، އާންމު ރައްޔިތުންގެ ވެރިކަމެއް،" ޖަމީލު ވިދާޅުވިއެވެ.

"2023ގައި ރައީސް ޔާމީނަކީ ތިބޭފުޅުންގެ ލޮބުވެތި ރައީސެއްގެ ގޮތުގައި މާތްﷲ އެމަނިކުފާނު އިންތިހާބު ކުރެއްވުމުގެ ތައުފީގު ދެއްވައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ ފެހި ފާހަތި މުސްތަގުބަލެއް މާތްﷲ މިންވަރު ކުރައްވާށި،" ޖަމީލުގެ ވާހަކަ ނިންމާލަމުން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.