މަސްވެރިކަމަށް ޚަރަދުކުރި ފައިސާ، ރެކޯޑު އަދަދުތަކުން ރައީސް ތަފްސީލު ކޮށްދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު: މަސްވެރިކަމުގެ ވިޔަފާރިން ސަރުކާރު ނުކުތުން ރަނގަޅު ކަމަށް ވިދާޅުވި-- ފޮޓޯ/ ރައީސް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކާ މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ޚަރަދު ކުރި ފައިސާ، ރެކޯޑު އަދަދުތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގައުމީ އިނާމް ދިނުމަށް ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިފްކޯގެ މުޅި ޙަޔާތުގައި ވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ މިދިޔަ އަހަރު ކަމަށެވެ. މިދިޔަ އަހަރު ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރަކީ މިދިޔަ އަހަރު ކަމާށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން،" ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44،510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާމަސްވެރިންނަށް ދޫކޮށްފައިވާނެ ކަމާށެވެ. މިފްކޯއަށް ހެޔޮ ބަދަލުތަކެއް މިސަރުކާރު ފެށުމާއެކު، ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކާ އެސްޓީއޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

"މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ. 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތަށް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، މަސްގަންނަ އަމިއްލަ ވިޔަފާރިތަކުގެ އަތްމައްޗަށް ސިނާއަތް ދޫކޮށްލުން ކަމަށް ބުނެވިދާނެ ކަމާށެވެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.