އިބްރާހިމް އިސްމާއިލަށާއި ބަދުރަށް ދައުލަތުގެ އިއްޒަތް އަރުވައިފި

ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންނެވި ބަދުރު (ކ) އާއި އިބްރާހިމް އިސްމާއިލް (ވ) ރައީސުލްޖުމްހޫރިއްޔާ (މ)އާއެކުގައި-- ފޮޓޯ/ ރައީސް

ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް އިސްމާއިލާއި ބްރޯޑްކާސްޓިން ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބަދުރުއްނަސީރަށް ދައުލަތުގެ އިއްޒަތް މިރޭ އަރުވައިފިއެވެ.

އެ ދެ ބޭފުޅުންނަށް ދައުލަތުގެ އިއްޒަތް އެރުވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ގައުމި އިނާމްދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

އިބްރާހިމް އިސްމާއިލަށް އެރުވީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބެވެ. ބަދުރަށް އެރުވީ ދިޔަމިގިލީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބެވެ.

ކޮޅުމަޑުލު ތިމަރަފުށްޓަށް އުފަން އިބްރާހީމް އިސްމާޢީލް ޢަލީ ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެކި ކުޅިވަރުތައް ކުޅުއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމުގައިވާ އިބްރާހީމް އިސްމާޢީލް އެންމެ ބޮޑަށް މަޝްހޫރުކަން ހޯއްދަވާފައި ވަނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މަނިކުފާނު ކުޅިވަރުގެ ދާއިރާއިން ހޯއްދަވާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި އެންމެ މޮޅު މިޑްފީލްޑަރުކަމާއި، ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވުމާއި، ފީފާގެ ރެފްރީއަކަށް ވެވަޑައިގަތުން ހިމެނެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ ވެސް އިބްރާހީމް އިސްމާޢީލެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އެރުވި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ.

މިރޭ މި ޢިއްޒަތް އެރުވި ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހު އެ މަނިކުފާނު ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.