އަނެއްކާވެސް ބީއެމްއެލަށް ނުރުހުން، މިފަހަރު ދިދަ ބޭނުންކުރި ގޮތުން!

ބީއެމްއެލްއިން އާންމުކުރި ދިވެހި ދިދަ (ކ) އަދި ދިދަ އިންނަންވީ ގޮތް-- ފޮޓޯ/ ހަތާވީސް

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، ގައުމީ ބޭންކު، ބީއެމްއެލުން އާންމުކުރި ޕޯސްޓަރެއްގައި ގައުމީ ދިދަ ބޭނުންކުރި ގޮތާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ބީއެމްއެލުން މިއަދު އާންމުކުރި ޕޯސްޓަރެއްގައި ގައުމީ ދިދައިގެން ހަނދުފަޅި އިނީ އެކޮޅުކޮޅުންނެވެ. އިސްލާމް ދީނުގެ މަތިވެރިކަމާއި އެދީނުގެ ހިދާޔަތުގައި ދިވެހިން ތިބިކަން ރަމްޒުކޮށްދޭ ހަނދުފަޅި އެކޮޅުކޮޅުން އިނުމުން، ސޯޝަލް މީޑިއާގައި ބީއެމްއެލަށް ފާޑުކިޔާ ބައެއް މީހުން ބުނަމުންދަނީ އެއީ “ލަތުވެތިކަމެއް” ކަމަށެވެ.

ކުރީގެ ނޫސްވެރިޔާ، ނާއިލް ރަޝީދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ “އަހަރެންގެ ބޭންކަށް އަހަރެންގެ ގައުމުގެ ދިދަ ނޭންގުނީމަ ވަރަށް ލަދުވެތި”ވާ ކަމަށެވެ.

މަޝްހޫރު ގްރެފިކްސް އާޓިސްޓް އަބްދުﷲ ޝަފީއު (އަބޯ) ވެސް ބުނީ ދިވެހިންގެ ބޭންކަށް ދިވެހި ދިދަ ކުރަހަން ނޭނގުމުން ހިތާމަކުރާ ކަމަށެވެ.

ހުސައިން ސާލިމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަހަރުމެންގެ ބޭންކަށް އަހަރުމެންގެ ދިދަ ވެސް ކުރަހަން ނޭނގޭ ކަމަށެވެ.

ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް އަދި ބޮޑެތި ކުންފުނިތަކުގައި ކުރިން މަސައްކަތްކޮށްފައިވާ އިސްމާއިލް މުޚްތަބާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިސް މަގާމުތަކަށް ބޭރު މީހުންލުމުން، މިކަހަލަ ކަންކަން ހިނގަމުންދާނެ ކަމަށެވެ.

ޤައުމީ ބޭންކުން، ޤައުމީ ދިދަ ބޭނުންކުރި ގޮތާ ގުޅިގެން، ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ބޭންކުގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ބައެއް މީހުން ހިތްހަމަނުޖެހި ފާޑުކިޔަމުންދަނިކޮށެވެ.

އެގޮތުން ކަސްޓަމަރުންނަށް ނޭނގި އެކައުންޓުގައި ހުންނަ ފައިސާ “ގެއްލު”މާއި ފިހާރަތަކުގައި ހުންނަ ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް ރަނގަަޅަށް މަސައްކަތް ނުކުރުމާއި އޭޓީއެމްތަކުގެ ހިދުމަަތްތަކަށް ބުރޫ އެރުން ހިމެނެއެވެ. އަދި ބީއެމްއެލް އެޕްލިކޭޝަނަށް “އިރުއިރުކޮޅާ” ދިމާވާ މައްސަލަތަކާ ގުޅިގެން، ބައެއް މީހުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާއިން އާންމުކޮށް ފެނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.