"ކޮވިޑަކީ ގުޅުންތައް ބުރިބުރި ކުރަމުންދާ ސުނާމީއެއް، ރާއްޖެއިން ފެންނަނީ ހިތްވަރު"

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ފޮރިން މިނިސްޓްރީން މިއަދު ބޭއްވި މުނާސަބަތުގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ފޮރިން މިނިސްޓްރީ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ، ކޮވިޑް19އަކީ ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް ކަމަށާއި މި ދަނޑިވަޅުގައި ވެސް ދިވެހިން ދައްކަމުން ގެންދާ ހިތްވަރާއި، އެކުވެރިކަމަށް ފަޚުރުވެރިވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސުނާމީ އެރިތާ 16 އަހަރު ފާހަގަ ކުރުމަށް ފޮރިން މިނިސްޓްރީން މިއަދު ބޭއްވި "ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހު"ގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސުނާމ ރާއްޖެއަށް އެރި ދުވަހު ދިވެހިރާއްޖެއިން ފެނިގެން ގޮސްފައިވަނީ ހަނގުރާމައިގެ ހާލަތްތަކުގައިވެސް ޤައުމުތަކުން ފެނިގެންދާނޭފަދަ ހިތްދަތި މަންޒަރުތަކެއްކަމަށެވެ. ގެދޮރާއި މުދާ ނެތި ގޮސް، އެތައް ފުރާނައެއް ވަކިވެ ދިޔަކަމީ މިއަދުވެސް އެހިތާމަ ދިވެހިން ކުރަމުންދާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސުނާމީގެ ހިތްދަތިކަމާއި ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީއަކީ ދިވެހި ރައްޔިތުން އެ ދުވަހު ދެއްކި އެއްބައިވަންތަކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ސުނާމީ އެރި ދުވަހަށް ވުރެ، ބޮޑަށް ދިވެހިން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނުފެންނަ ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން، ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ހަމަލާ ދެމުން ދަނީ ކުދިކުދި ވައިރަސްތަކެއް ކަމަށާއި އެ ވައިރަސްތަކަކީ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނައި ވަކިވެ އަލްވަދާއު ކިޔާފައިވާ ސުނާމީއެއް. އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.