ޝަރަފުވެރިކަމުގެ އިނާމު 14 ބޭފުޅަކަށް ހިތްވަރު ދިނުމުގެ އިނާމު 24 ބޭފުޅަކަށް ދޭން ނިންމައިފި

މީގެކުރިން ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދޭން ނިންމައިފިއެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ 20 ބޭފުޅަކަށެވެ. މި ބޭފުޅުން ވެސް ހޮއްވެވީ އެކަމަށްޓަކައި އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

މި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރު ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާ ރޭ 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ކީރިތި ގުރުއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.