އެމްޑީޕީގެ ތިން ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި

މީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ފޮށިތަކެއް ބަހައްޓާފައި ހުރި މަރުކަޒެއް: ފޮޓޯ / ސަން

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ނ. މިލަދޫ އަދި ގދ. ތިނަދޫ ކައުންސިލަރު ކަމުގެ މަގާމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ރ. އިނގުރައިދޫ ކައުންސިލަރުގެ މަގާމާއި އއ. ތޮއްޑޫ ކައުންސިލަރުގެ މަގާމަށް ކުރިމަތިލާފައިވާ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް އިން މިއަދު ބުންޏެވެ. އަދި ށ. ކޮމަންޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން ނިންމި ކެންޑިޑޭޓު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

އިލެކްޝަންސް އިން ބުނީ ބ. ހިތާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރި އަމިއްލަ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ރ. އިނގުރައިދޫގެ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރި އަމިއްލަ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މިއާއެކު އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން 130 ކެންޑިޑޭޓަކު މިވަނީ އިންތިހާބުގައި ވާދަ ނުކުރާން ނިންމާ އެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައެވެ.

މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ ސަރުކާރު ހިންގާ މައިޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އެގޮތުން 34 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ނިންމި ކެންޑިޑޭޓުންގެ ތެރެއިން 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން 33 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.