ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ ޖިހާދަކަށް ނުދިން

ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ޖިހާދު ވާހަކަދައްކަވަނީ ---

ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު އަށް ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ކަމަށެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަކަށް އެދި ޖިހާދު ހުށަހަޅުއްވާފައިވާ މައްސަލަ އަށް ގޮތެއް ނިންމުމަށެވެ.

މިއަދުގެ އަޑުއެހުގައި ޖިހާދު ވަނީ ބޭސްފަރުވާ އަށް ދުބާއީ ވަޑައިގަތުމަށް ޓިކެޓު ވެސް ނަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ޖިހާދަކީ ސިއްހީ ގިނަ މައްސަލަތެއް ހުންނެވި ބޭފުޅެއް ކަމަށް ޖިހާދުގެ ވަކީލު ހުސައިން ފަލާހު ވިދާޅުވިއެވެ. ގޮތުން އިމްސޮމްނިއާ އާއި ހަކުރު ބަލި އާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ފާހަގަކުރެއްވިއެވެ.

ދުބާއީގައި ޖިހާދުގެ ދަރިން ވެސް ތިއްބެވި ކަމަށާއި އެކުދިން ނުފެންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ޖިހާދުގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ކުއްޖަކު ބަލިވެ އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް އިންކާރުކޮށް ދައުލަތުން ބުނީ ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ އެއްވެސް ހާލެއްގައި ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ނޫން ކަމަށެވެ. އްޖެއިން ފަރުވާ ލިބޭ ކަމަކަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފުރަން ހުއްދަ ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ބުންޏެވެ. މީގެއިތުރުން ޖިހާދު ފިލާފާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ. އެމަނިކުފާނު އަދާ ކުރެއްވި މަގާމުތަކުގެ ގޮތުން ގިނަ އަދަދެއްގެ ބާރުވެރި ފަރާތްތަކާއި ގުޅުން އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންކަމުން އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުގައި ޖިހާދު ވަނީ ދައުލަތުން ދެއްކި ވާހަކަތައް އިންކާރު ކުރައްވާފައެވެ. ވިދާޅުވީ ހަތިމެއް ގެނެސްފި ނަމަ އެ ހަތިމުގައި އަތްލާ ވެސް ހުވާ ކޮށްފާނަން ކަމަށެވެ. އެގޮތުން އޭނާ އަކީ ފިލާނެ މީހެއް ނޫން ކަމަށާއި އަންނަ މަހުގެ 11ވަނަ ދުވަހު އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން ގާޒީ އަށް ދެއްވާ ކަމަށެވެ.

އެކަމަކު ދައުލަތުންނާއި ޖިހާދުގެ ފަރާތުން ވެސް އެދިވަޑައިގަތީ މިއަދުގެ އަޑުއެހުމުގައި އެ ކަމުގައި ގޮތެއް ނިންމެވުމަށެވެ. އެހެންކަމުން ގާޒީ ނިންމެވީ ޖިހާދަށް އުފުލާފައިވާ ދައުވާ އަށް ބަލާއިރު އޭނާ ފިލާފާނެ ކަމުގެ އިހުތިމާލު އޮތަތީ އޭނާ ފުރުމުގެ ހުއްދަ ނުދިނުމަށާއި އަންނަ މަހުގެ 20ވަނަ ދުވަހާއި ހަމައަށް ޕާސްޕޯޓު ވެސް ހިފެހެއްޓުމަށެވެ.

މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ފޮނުވާފައިވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޖިހާދުގެ މައްޗަށް މި ދައުވާކުރަން ފޮނުވި އަސާސްތައް ހާމަކުރަމުން ޕީޖީ އޮފީހުން ބުނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާއިރު މިނިންމުމުގައި އޮތީ، މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫޢު ގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓްގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލަ 22 އޮގަސްޓް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައަކަށްވީ ނަމަވެސް، މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 16 ފެބުރުވަރީ 2016ގައި އޭރު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.