ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އަންނަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ “ވިސްނާ” ޖަލްސާއާ ގުޅިގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރުފަހު 15:00 އަށެވެ.
ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެ ކޯލިޝަން އަށް ފުލުހުން އަންގާފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަން އިން ވަނީ ފުލުހުންގެ އިދާރާ އަށް އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ހާޒިރުވުމަށްފަހު ހަވީރު 16:00ގައި ނޫސްވެރިންނާއި ބައްދަލުކުރުމަށް ނިންމާފައެވެ.
އިދިކޮޅު ކޯލިޝަން އިން ވަނީ ޖަލްސާ ބޭއްވުމަށް އެދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ހުއްދައަކަށް އެދިފައެވެ. ނަމަވެސް މިހާތަނަށް އެ ހުއްދަ ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.