މިންގަނޑަށް ނުފެތޭތީ އޭޑީކޭގައި ހިންގަމުން އަންނަ ކެފޭ އެޗްޕީއޭ އިން ބަންދުކޮށްފި

އޭޑީކޭގައި ހިންގަމުން އަންނަ ކެފޭގައި އެޗްޕީއޭ އިން ނޯޓިސް ހިއްޕާފައި: ފޮޓޯ / ހަތާވީސް

ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅުގައި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް އޭޑީކޭ ހޮސްޕިޓަލުގައި ހިންގަމުން އަންނަ “ފުޑް ކޯނާ” ކެފޭ ހިންގަމުން ގެންދާތީ އެ ކެފޭ އެޗްޕީއޭ އިން މިއަދު ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން އެ ކެފޭ ބަންދުކޮށްފައި ވަނީ މިއަދުއެވެ. ކެފޭގެ ދޮރުގައި އެޗްޕީއޭ އިން ވަނީ ނޯޓިސް ހިއްޕާފައެވެ. އެ ނޯޓިސްގައި ބުނެފައި ވަނީ ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރުމަށް އަމަލު ކުރަމުން ގެންދާ “ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު” އޭޑީކޭގައި ހިންގަމުން އަންނަ ކެފޭ މިއަދުން ފެށިގެން ބަންދު ކޮށްފައިވާ ކަމަށެވެ.

އަދި އެޗްޕީއޭ އިން ހަރުކޮށްފައިވާ ނޯޓިސް ހަލާކު ކުރުމާއި ނުވަތަ ނުފެންނަ ގޮތަށް ނިވާ ކުރުމަކީ މަނާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވެއެވެ.

މީގެކުރިން ވެސް އެޗްޕީއޭ އިން ވަނީ ގައިޑްލައިންތަކާއި ހިލާފުވެގެން މާލޭގެ ބައެއް ކެފޭތައް ބަންދުކޮށްފައެވެ. ނަމަވެސް ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ކެފޭ އެއް ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.