މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނަށް ދެވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ މި ހިނގާ ޑިސެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާރކެޓް ފުޅާކުރުމަށްޓަކައި، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެ ފަދަ އައު ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ޙާލަތުގައި އެ ފަދަ ކަންކަން މާރކެޓަށް ތަޢާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

އަދި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މަޢުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އަދި އެ ކަންކަމާމެދު ޢާންމުން އަހުލުވެރިކުރުވުން ވެސް، އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު، މި ޤާނޫނަށް ގެނެވުނު އިސްލާހުގައި ސަރުކާރުގެ ސެކިއުރިޓީޒްއާގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މީގެ އިތުރުން، ހިއްސާގެ ބާޒާރެއް ޤާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން ޢަމަލުކުރުމަށް ޤާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގައި ސްޓޮކް އެކްސްޗޭންޖް ޤާއިމްކޮށް ހިންގަންވާނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ރައީސް މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.