އިގްތިސޯދީ ހަރަކާތްތައް ފުޅާކުރެވޭނީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްގެން: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ: ފޮޓޯ / އަވަސް

އިގްތިސޯދީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރެވޭނީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް އަވަސް ހިދުމަތްތަކެއް ދެވިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ހިދުމަތް ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީވެފައިވާ ވިޔަފާރި ބަނދަރުތަކަށް އިންޑިއާއިން ކާގޯ ފެރީގެ ހިދުމަތް ފެށިގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައިދުފުޅެއް ކަމަށެވެ.

މިއީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތް ފޯރާފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުުތުރުގައި ހުޅުވުނު މައި ދޮރާއްޓަކަށް ވެގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އިގްތިސޯދީ ކުރިއެރުންތައް ލިބި، ބާޒާރުގައި ހެޔޮއަގުގައި ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، އެކަށީގެންވާ ރަނގަޅު އަގެއްގައި ރައްޔިތުންނަށް އެ ހިދުމަތް ފޯރު ކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ކާގޯގެ ހިދުމަތް ފެށިގެން ދިއުމަކީ ކުރިއެރުމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.