ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީގައި މީހަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / ޕީއެސްއެމް

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އިން ބުނީ މިއަދު މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު ދެކުނުުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވޭ ކަމަށް ވެސް މެޓް އިން ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
މެޓް އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނަނީ ދެ މޫސުން (ހުޅަނގު އަދި އިރުވައި) ބެދޭތީ ކަމަށެވެ. އެހެންކަމުން މޫސުން ގޯސްވާ ވަގުތުތަކުގައި ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.