ޑީއާރްޕީން އީސީއަށް ދައްކަންޖެހޭ ޖޫރިމަނާ ހަލާސްކުރަން ކޯޓުން މުހުލަތެއް ދީފި

ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު: ޑީއާރްޕީއާ ހަވާލުވިއިރު ވެސް އެ ޕާޓީ ވަނީ "ދަރާފައި"-- ފޮޓޯ/ މިހާރު

އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ހުށަހަޅަންޖެހޭ އަހަރީ އޮޑިޓް ރިޕޯޓުތައް ހުށަހަޅާފައި ނުވާތީ، ލައްކައަކަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ފައިސާ އަންނަ އަހަރުން ފެށިގެން ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ ޑީއާރްޕީން ދައްކަންޖެހޭ ޖޫރިމަނާ ދައްކާފައި ނުވާތީ، އީސީން ޑީއާރްޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހުގައެވެ.

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ޖޫރިމަނާގެ ގޮތުގައި ޑީއާރްޕީން އީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 125،000 ރުފިޔާ އަރާ ކަމަށެވެ. އެ ޖޫރިމަނާއަކީ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާ އާއި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 25،000 ރުފިޔާގެ ޖޫރިމަނާ އާއި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއެވެ.

ހުކުމްގައި ބުނެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރަން ޑީއާރްޕީން އެއްބަސްވެފައިވާ ކަމަށެވެ.

“ދެ ފަރާތުގެ ދެމެދުގައި މި މައްސަލާގައި އެއްބަސްވި ގޮތުގެ މަތިން އެިލެކްޝަންސް ކޮމިޝަންއަށް 125،000 ރުފިޔާ ދިނުމުގެ ގޮތުން 1 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން މީލާދީ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި މި ފައިސާ ޚަލާސް ކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީއަށް އަންގައި ޙުކުމްކޮށްފީމެވެ.” ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައި ވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނަރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނަރަލަށް ހުށަހަޅަންވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.