ޝިމާޒަށް ތުހުމަތުކުރި މައްސަލައިގެ ތަފްސީލް ފޮނުވައި ދިނުމަށް މައުމޫން އެދިވަޑައިގެންފި

ޝިމާޒު ރައީސް މައުމޫނާއެކު --

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ މަސައްކަތް ހަވާލުކުރިއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމެޓީގެ ޗެއާމަން އަކަށް ހުންނެވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަފްސީލު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްއާރްއެމް އަށް ފޮނުވައި ދެއްވުމަށް އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

އެ މައްސަލަ ރައީސް މައުމޫންގެ ސަމާލުކަމަށް ގެނައީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދުއެވެ. ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެމްއާރްއެމް އަށް ނިސްބަތްވާ ފިރިހެން ޑިޕިއުޓީ މިނިސްޓަރު [ޝިމާޒު]ގެ އަމަލުތަކުން ދައުލަތުގެ ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުހަލާގައި އެފަރާތާއި މެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ޒަރިޔަންދުގެ ޓްވީޓަށް ރައީސް މައުމޫން ވަނީ ޓްވީޓާގައި ޖަވާބު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ ޒަރިޔަންދު ވިދާޅުވި މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް އެމްއާރްއެމްގެ އޮފީހަށް ފޮނުވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލު ކޮށްފައި ވަނީ ވަސާޖިޔޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށްވެއެވެ. އަދި އެ ކުންފުނި ހޮވި ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ވަސާޖިޔޯ އަށް އެ މަސައްކަތް ހަވާލު ކުރުމުގައި ބޮޑެތި ހިޔާނާތްތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ޝިމާޒު އަށް ކުރާ ތުހުމަތުތައް އޭނާ އަންނަނީ ދޮގު ކުރައްވަމުންނެވެ. އެގޮތުން ބީލަން ހުށަހެޅި އެއްވެސް ކުންފުންޏެއްގެ ވެރިޔަކާއި ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް “މިހާރު” އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޝިމާޒު ވިދާޅުވެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.