ބޭނުން ވަނީ ހުވަދޫ، އަލުން އަނބުރާ ވިޔަފާރީގެ ހަބަކަށް ހަދަން: އަމްރު

އެސްޓީއޯގެ އަހަރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އަމްރު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ބޭނުން ވަނީ ހުވަތު އަތޮޅު އަލުން އަނބުރާ ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށް ސްޓޭޓް ޓްރޭޑިން އޯގައިނައިޒޭޝަން (އެސްޓީއޯ)ގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓުކޮރިން އާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު “އެމްވީ ބޮންތި 2″ ތިނަދު އަށް މިއަދު ބަނދަރު ކުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އަމްރު ވިދާޅުވީ މިއަދު ފެށިގެން ދިޔަ ހިދުމަތުން ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހުވަދު އަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ކަމަށެވެ. އަދި އެ އަތޮޅުގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދާ އެ ސަރަހައްދުން ވިޔަފާރިވެރިންތަކެއް އުފެއްދުމަކީ އުއްމީދެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސް އާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެ ކުންފުނި އުފެއްދިއިރު ވެސް އެންމެ މުހިއްމު ކަމަކަށް ނިންމާފައި ވާނީ ވިޔަފާރިވެރިންގެ އިތުބާރު ދެމެހެއްޓުން ކަމަށެވެ. އެގޮތުން ކޮންޓެއިނަރު ލިބުނަސް އަދި ނުލިބުނަސް ދަތުރު ބޭއްވުމަކީ ނިންމާފައިވާ މުހިއްމު ނިންމުމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

މިއަދު އެ ނިންމުމުގެ ސަބަބުން ވިޔަފާރިވެރިންނާއި އެ ކުންފުންޏާއި ދެމެދު އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވަނީ ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކާއެކު އެމްއެސްއެސް އިން އެއްބަސްވުންތައް ގާއިމްކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދަމުން އަންނަ ކުރިއެރުން ފާހަގަކުރައްވާފައެވެ.

އައްޑު ސިޓީ އާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރިން އިން މުދާ ގެންނަން ފެށުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އެކަން ރައީސް އިއުލާން ކުރެއްވީ ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.