19ވަނަ މަޖިލީހުގެ މިއަހަރުގެ މަސައްކަތްތައް މާދަމާ ފަށަނީ ޖާބިރުގެ ގަރާރަކުން

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން މަޖިލީހުގެ އިދާރާއިން ވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާވެސް އާއްމުކޮށްފައެވެ.

ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ހަތަރު ބިލެއް މާދަމާ އަލަށް ތައާރަފު ކުރެއެވެ. އެއީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެވެ. އަލަށް ތައާރަފު ކުރާ އިތުރު ދެ ބިލުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ބިލަކާއި ނަފްސާނީ ސިއްހަތުގެ ބިލެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުންވެސް މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނަމަ ކުއްލި މައްސަލައެއް ނުވަތަ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި އޮތް ކަމަށްވާ ނަމަ މަޖިލީހުގައި އެދުވަހަކު އެންމެ ފުރަތަމަ ކުރިޔަށް ގެންދަންވާނީ އެ ގަރާރެއް ނުވަތަ ކުއްލި މައްސަލައަކަށް ބަހުސް ކުރުމެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަހަރު ރައްޔިތުންގެ މަޖިލީހަށް 56 ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ. ސަރުރުން ވަނީ މިދިޔަ އަހަރު 49 ބިލެއް މަޖިލީހަށް ފޮނުވާފައެވެ. އޭގެތެރެއިން 27 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *