އައިޔޫއެމްގެ އިގްރައު އޮންލައިން ފޮތް މައުރަޒުގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް ޔުނިވާސިޓީގެ ބޭރު --

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން “Explore the Virtual Book Shelf”ގެ ނަމުގައި 10 ދުވަހުގެ މުއްދަތަށް މި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އިޤްރައު އޮންލައިން ފޮތް މަޢުރަޒުގެ މުއްދަތު އިތުރު ދެހަފްތާއަށް، އިތުރުކޮށްފިއެވެ.

އެ ޔުނިވާސިޓީ އިން މި ފޮތް މައުރަޒު މުއްދަތު އިތުރު ކޮށްފައި ވަނީ މި މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށެވެ. މިފޮތް މަޢުރަޒުގެ މުއްދަތު އިތުރުކޮށްފައިވަނީ ބައެއް ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން އަދި ހަމައެހެންމެ މި މަޢުރަޒުން ފޮތް ގަތުމަށް ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މިމަޢުރަޒުގެ މައިގަނޑު މަޤްޞަދުތަކަކީ މިއުއްމަތަށް ޢިލްމު ފަތުރާ ޢިލްމު ފޯރުކޮށްދިނުމަށް އެހީތެރިވުމާއި، ހުރިތަަނަކުން ފޮތް ގަތުމަށް ޢާންމުންނަށް ލުއިފަސޭހަކޮށްދިނުމާއި، އެއް ޕްލެޓްފޯމަކުން ގިނަ ފޮތްވިއްކާ ފަރާތްތަކުގެ ފޮތްތައް ފޯރުކޮށްދިނުމާއި، ތަފާތު މާއްދާތަކުގެ ހުރިހާ އުމުރުފުރައަކަށް ބޭނުންތެރި ފޮތްތައް ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ފޮތް ވިއްކުމުގެ އިތުރުން ކިޔުންތެރިކަން ކުރިއަރުވާ މިޡަޤާފަތް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެކި ޢުމުރުފުރާތަކަށް ޢަމާޒުކޮށް ޢިލްމީ ޙަރަކާތްތަކެއްވެސް ހިންގުމެވެ.

މިމަޢުރަޒުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ނޮވެލްޓީ ބުކްޝޮޕް، އަސްރަފީ ބުކްޝޮޕް، އެމްސެވަން ބުކްސްޓޯރ، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ވާހަކަ ޕަބްލިޝަރސް، އަދި އަމިއްލަ ލިޔުންތެރިޔާ ހުސްނާ ފަހުމީގެ އަރާކުރި ސިލްސިލާ ފޮތްބަޔެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފޮތްތަކުގެ ތެރޭގައި ހިމެނެނީ ފިޤްހު، އިސްލާމީ ތާރީޚް، ކީރިތި ޤުރުއާނުގެ ތާރީޚް، ކީރިތި ޤުރްއާނުގެ ދިފާޢުގައި، ތަޖުވީދު، އިސްލާމީ ޝަރީޢަތް، މާލީ މުޢާމަލާތް، އިސްލާމީ އަޚުލާޤު ފަދަ ފޮތްތަކެވެ. ކުޑަކުދިންގެ ވާހަކަ ފޮތްތަކާއި މަޢުލޫމާތު ފޮތްތައްވެސް ހުންނާނެއެވެ. ޚާއްޞަކޮށް އަރާކުރި ސިލްސިލާގެ ފޮތްބަޔަކީ ކުޑަކުދިންގެ ދިވެހިބަސް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން މަސައްކަތު ފޮތްތަކެއް ގޮތަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. މީގެ ތެރޭގައި ޢިބްރަތްތެރި ވާހަކައާއި ދޭހަ ވެސް ހިމެނެއެވެ. އަދި ހުރިހާ ޢުމުރުފުރައަކާ ގުޅޭ ތަފާތު މާއްދާތަކުގެ ފޮތްތައް ވެސް ލިބެންހުންނާނެއެވެ.
ވާހަކަ ޕަބްލިޝަރސްގެ ފަރާތުން ހިލޭ ޕީޑީއެފް ލިބެންހުރި 3 ފޮތެއްވަނީ އިޤްރައު ވެބްސައިޓް މެދުވެރިކޮށް ލިބޭގޮތް ހަދާފައެވެ. އަދި ވާހަކަ ޑޮޓް ކޮމްގެ ވާހަކަތައްވެސް މިޕްލެޓްފޯމުން ކިޔޭގޮތަށް ހަދާފައެވެ.

ކިޔުންތެރިކަން ކުރިއަރުވާ މިޡަޤާފަތް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިފޮތް މަޢުރަޒުގެ ތެރޭގައި ޑިސެމްބަރ 1 އިން 10 އަށް 3 ދަންފަޅީގައި ތަފާތު ޙަރަކާތްތަކާއި ޕްރޮގްރާމްތައް ވެސް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ވާހަކަ ކިޔައިދިނުމާއި، އިޝާރާތުން ވާހަކަ ހުށަހެޅުމާއި، ފޮތަކާބެހޭގޮތުން ލިޔުންތެރިޔާގެ ހުށަހެޅުމާއި، ފޮތްކިޔުމާބެހޭގޮތުންނާއި އިންފޮރމޭޝަން ލިޓްރަސީއާ ބެހޭ މަޢުލޫމަތު ދިނުމުގެ 2 ޕެނަލް ޑިސްކަޝަންގެ އިތުރުން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތްތަކާއި ޙަރަކާތްތައް، ވާހަކައަށި އަދި ކްރާފްޓް މަސައްކަތް ދައްކާލުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދެންނެވި ޙަރަކާތްތަކާއި ޕްރޮގްރާމްތައް އިޤްރައު ބުކްފެއާރގެ އެފްބީ ޕޭޖުން އަބަދުވެސް ބެލެން ހުންނާނެއެވެ. މިއީ ޢާންމުންގެ ވަރަށް ތަރުޙީބު ލިބެމުން އަންނަ ވަރަށް ޢިލްމީ މަޢުލޫމާތުތައް ލިބިގެންދާނެ ޙަރަކާތްތަކެކެވެ.

މިފޮތް މަޢުރަޒު ހިނގަމުންދާއިރު 2 މުބާރާތެއްގައި ބައިވެރިވުމަށް 24ޑިސެމްބަރުގެ ނިޔަލަށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލެވިފައެެވެ. މިދެ މުބާރަތަކީ ޕްރައިމަރީ އަދި ސެކެންޑްރީ ލެވެލްގެ ކުދިންނަށް އަމާޒުކޮށް “ފޮތުގެ ސަމަރީ ނުވަތަ ޚުލާސާ” ލިޔުން އަދި ހަޔަރަ ސެކެންޑްރީ ނުވަތަ 16 އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކޮށް “ފޮތުގެ ރިވިޔު” ލިޔުމުގެ މުބާރާތެވެ. މިއީ 1ވަނަ، 2ވަނަ، 3 ވަނަ އަށް ފައިސާގެ އިނާމު ލިބޭ ދެމުބާރާތެވެ.

“ފޮތުގެ ސަމަރީ ނުވަތަ ޚުލާސާ” ލިޔުމުގެ މުބާރަތުން 1ވަނައަށް އަންނަ ފަރާތަކަށް -/900 ރުފިޔާ (ނުވަސަތޭކަ ރުފިޔާ) އަދި ދެވަނައަށް އަންނަ ފަރާތަކަށް -/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ) އަދި 3ވަނަ އަށް އަންނަ ފަރާތަކަށް -/400 ރުފިޔާ (ހަތަރުސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.

“ފޮތުގެ ރިވިޔު” ލިޔުމުގެ މުބާރާތުން 1ވަނައަށް 1500/- ރުފިޔާ (އެއްހާސް ފައްސަތޭކަ ރުފިޔާ)، 2ވަނައަށް1000/- ރުފިޔާ (އެއްހާސް ރުފިޔާ) އަދި 3ވަނަ 500/- ރުފިޔާ (ފައްސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.

އިވެންޓް ޕާރޓްނަރސްގެ ގޮތުގައި ހިމެނެނީ ޑިޖިޓާލް މީޑިއާ ޕާރޓްނަރއެއްގެ ގޮތުގައި ވާހަކަ ޕަބްލިޝަރސް، އަދި ވާހަކަ ކިޔައިދިނުމުގެ ޕާރޓްނާރސްގެ ގޮތުގައި ޔުނިސެފް، ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އަދި ދިވެހިބަހުގެ އެކެޑަމީ ހިމެނެއެވެ.

އިޤްރައު އޮންލައިން ފޮތް މަޢުރަޒަކީ ކޮވިޑްގެ ޙާލަތުގެ ތެރޭގައި، ވަރަށްގިނަ ގޮންޖެހުންތަކާއެކު ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ އޮންލައިން ނުވަތަ ވަރޗުއަލް ފޮތް މަޢުރަޒެވެ. ފޮތް ކިޔުމަކީ މަޢުލޫމާތު މުއްސަނދިކޮށްދޭ ކަމެއްކަމުގައި އެންމެންވެސް ޤަބޫލުކުރެއެވެ. ހަމައެހެންމެ، ފޮތެއް ކިޔުމަކީ އިންސާނާގެ ސިކުނޑި ތާޒާވެ ހިތްހަމަޖެހުން ލިއްބައިދޭ އަދި ވަގުތު ހެޔޮގޮތުގައި ހިފުމަށް އެހީވެދޭ އެއްވަސީލަތްވެސް މެއެވެ. މިކޮވިޑްގެ ޙާލަތުގައި އެންމެހާ ދިވެހިރައްޔިތުންނަށް ދިމާވި މާޔޫސްކަމާ އެކަނިވެރިކަމުން ސަލާމަތްވުމަށް ފޮތެއްކިޔާލުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެހެންކަމުން ކޮންްމެ ގެއަކީ ފޮތްހަރުގަނޑެއްވެސް ހުންނަ ގެއަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވީމާ މިފޮތް މަޢުރަޒުގެ ބޭނުން އެންމެހާ ދިވެހި ރައްޔިތުން ހިއްޕެވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.
އަދި ފޮތް ވިއްކާ ފަރާތްތަކަށްވެސް އަދި ބުކްޝޮޕްތަކަށް ވެސް ގަނޑުކޮށް ފޮތްގަތުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމުގައި ފާހަގަކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.