ޑީއެންއޭގެ މައްޗަށް ވަހީގެ ހުކުމްތައް އިސް ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުަގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާއި ގުޅިގެން ގިނަ ބައެއް އެ ހުކުމަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމް ކުރެއްވި ޓްވީޓުތަކެއްގައި މިއަދު ވިދާޅުވީ ޒިނޭއާއި ކައިވެނީގެ ނަތީޖާއާމެދު ފަރަގެއް ނުކުރާ މުޖުތަމައުތަކުގައި ބަފާ ކަށަވަރު ކޮށް ދަރިލެއްވުމަށް ގާނޫނީ ގޮތުން ޑީއެންއޭ ބޭނުންކުރާ ބީދައިން، އެކަމުގައި ޤަޠުއީ ހުކުމްތަކެއް އޮތް ވަހީގެ މައްޗަށް ބިނާވެފައިވާ ޝަރީއަތަކަށް އަމަލުކުރާ މުޖުތަމައުތަކުގައި އަމަލެއް ނުކުރެވޭނެ ކަމަށެވެ.
އިސްލާމީ ޝަރީއަތުގެ ފިގުހީ އިޖުތިހާދު ކުރުން ޖާއިޒުކަންކަމާއި ޖާއިޒު ނޫންކަން ހުންނަ ކަމަށާއި ގަޠުއީ ހުކުމްތަކާއި ޝަރުއީ ގަވާއިދުތަކަށް ބެލުމެއްނެތި ނަސަބާއި ގުޅުން ހުރި ކަންކަމުގެ ތެރެއަށް ޑީއެންއޭ ވައްދައިފި ނަމަ، ޝައްކާ ވަހުމް ގިނަވެ އެތައް ބައެއްގެ އަބުރާއި ކަރާމަތު ހިނގައިދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތަކީ އިލްމާ ތައާރުޒުވާ ޝަރީއަތެއް ނޫން ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައިވާ ގަޠުއީ ހުކުމްތަކަކީ ވަހީގެ މައްޗަށް ބިނާވެފައިވާ ހުކުމްތަކެއް ކަމުން ގަޠުއީ ހުކުމްތައް އިސްލާމީ ގަޟާއީ ނިޒާމުން ދަމަހައްޓަންޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ވަހީގެ މައްޗަށް އެހެން އެއްޗެއް އިސްވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ޝަރީއާގައި ވަހީގެ ގަޠުއީ ހުކުމް އައިސްފައިވާ ކަންކަމުގައި ޑީއެންއޭ ބޭނުންކުރުން ހުއްދަ ނޫންކަމުގައި އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއި މުސްލިމު ވޯލްޑްލީގްގެ އިސްލާމިކް ފިގުހު އެކަޑަމީ އާއި މިސްރުގެ ދާރުލްއިފްތާ އިން ނިންމާފައިވޭ،” ޝަހީމް ވިދާޅުވިއެވެ.
ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށްދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކެން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 22, 2020
އިތުރަށްވެސް ޝަހީމް ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ޑީއެންއޭއަކީ އޭގެ ޒާތުގައި ސައްހަކަންބޮޑު ގަރީނާއަކަށް ވިޔަސް ނުފޫޒުން ނުވަތަ އިންސާނުން ހަދާ ގޯހަކުން ނުވަތަ އިހުމާލަކުން ނުވަތަ ލެބޯޓްރީގެ ފެންވަރުން އޭގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްޗެއް ކަމުގެ އިހުތިމާލު އޮތުމުން ހައްގު ގާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ގަޠުއީ ހުއްޖަތެއް ނޫން ކަމަށެވެ.
ޝަރުއީ މަގުން ސާބިތުވެފައިވާ ނަސަބެއް އިތުރަށް ކަށަވަރު ކުރުމަށާއި ނަފީކުރުމަށް ޑީއެންއޭ ބޭނުންކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ލިއާން ކުރުމުގައި ޑީއެންއޭ ބޭނުން ކުރުމަކީ ލިއާންގެ ޝަރުއީ ހިކުމަތާއި މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށާއި ލިއާންގެ ހިކުމަތަކީ ދެ ފަރާތުގެ އަބުރު ހިމާޔަތް ކުރުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
“ޝަރުއީ ނަސަބުގެ ހައްސާސްކަން ބޮޑުކަމުން އެއާ ގުޅުންހުރި ކަންކަމުގައި ޑީއެންއޭ ބޭނުންކުރުމާ މެދު ރައްކާތެރިވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީއަތުގައި ނަސަބުގެ ކަންކަމުގެ މައްޗަށް ތަރިކައާއި ކައިވެންޏާ ވަރަށް ގިނަކަންކަން ތަރައްތުބުވާ ކަމަށާއި އެހެންކަމުން ޑީއެންއޭގެ މައްޗަށް ވަހީގެ ގަޠުއީ ހުކުމްތައް އިސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އައިޑެންޓިޓީ ކަށަވަރުކުރުމަށް ޑީއެންއޭ ބޭނުންކުރުން ޖާއިޒުކަންކަން ޝަހީމް ހިއްސާ ކޮށްދެއްވިއެވެ. އެގޮތުން ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހާއާ އަނދާފައިވާމީހާއާ ހަނގުރާމަތަކާއި ހާދިސާތަކުގައި މަރުވާމީހާއާ ކުޑަދެކުދިން އޮޅިގެން އައިޑެންޓިޓީ ދެނެގަތުން ފަދަ ކަންކަމުގައި ޑީއެންއޭ ގަބޫލުކުރުމަކީ ޝަރީއާ އާ ތައާރަޒުވާ ކަމެއް ނޫން ކަމަށެވެ.
ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކަންކަމާއި ގިސާސްގެ ހުކުމްތައް ފިޔަވައި އެހެނިހެން ޖިނާއީ ތަހުގީގުތަކުގައްޔާއި ގަޟާއީ ނިޒާމުގައި ޑީއެންއޭ ގަރީނާ ގަބޫލު ކުރުމަށް ބާރު އަޅާ ކަމަށް ޝާހީމް ވިދާލުވިއެވެ. ޑީއެންއޭ ގަރީނާއަކީ (ބައްޔިނާތު) ހެއްކާ ގަރީނާގެ ތެރެއަށް ވަންނަވަރުގެ ބުރަދަން ހުރި އިލްމީ ހުއްޖަތެއް ކަމަށާއި ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭ ކުރިކަން ސާބިތު ކުރުމަށް އޮތް ގަޠުއީ ޙުއްޖަތެއް ނޫން ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީއަތުގެ އަސްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ އަދި ގަޟާއީ ނިންމުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
I am thankful to DR. SHAEEM, I have made really the same comment on this same adjuration. I’m not a scholar, still through the books I read the same thing