އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަނާކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ރައީސް ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލާއެކު އިސްލާހު ކުރައްވާފައި ވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާއަށެވެ. އެގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ.

އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުހަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ. ހަމަ އެއާއެކު، އެފަދަ ލިސްޓެއް ކަނޑައަޅުއްވައި، 2021 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއި، ލިސްޓު ޝާއިއުކުރާއިރު، ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.