ޝަޒައިލްގެ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ---

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އޭނާ މިހާރު ވެސް ހުންނެވީ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑު ކޮށްފައެވެ. އޭސީސީ އިން ބުނީ ޝަޒައިލްގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ތުހުމަތު ކުރެވުނީ ވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން ކަމަށެވެ.

އޭސީސީ އިން ތަހުގީގު ކުރަމުން އަންނަ ޝަޒައިލްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރުމުގެ މައްސަލަ އަކާއި މަރާމާތުގެ މަސައްކަތްތަކެއްގައި ކޮރަޕްޝަންގެ އެކުލެވިގެންވާ މައްސަލަތަކެއްގެ އިތުރުން އިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައެއް ހިމެނެއެވެ.

ޝަޒައިލް މަގާމުން ސަސްޕެންޑު ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ “ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން”ގެ ސިޔާސަތުގެ ދަށުންނެވެ.

އޭސީސީ އިން ހާމަކުރާ ގޮތުގައި ޝަޒައިލްގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަޒާއިލްއަށް މިމަހުގެ 17ވަނަ ދުވަހު ވަނީ ފޮނުވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.