އަނެއްކާވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކުރީ މިއަދު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހާއަކީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މީހާ މިދިޔަ އަހަރު އެކި ދުވަސްތަކުގެ މަތިން 15 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 10ވަނަ ދުވަހުއެވެ.

އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މީހަކު ހައްޔަރުކުރިއިރު 18 އަހަރުން ދަށުގެ ދެ ކުދިންނަށް ޖިންސީ ގޯނާ ކޮށްގެން އެ ކުދިންގެ ދޮން ބައްޕަގެ މައްސަލައެއް ފުލުުހުން އަންނަނީ ބަލަމުންނެވެ. އަދި ފިހާރައެއްގައި އިން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކުވެސް ދާދިފަހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ މިފަހަކަށް އައިސް އިތުރުވެފައިވާ ބޮޑު މައްސަލައެކެވެ. މިފަދަ އެތައް މައްސަލައެއް ޝަރުއީ ކޯޓުތަކުގައިވެސް އެބައޮތެވެ. މައްސަލަތައް ކޯޓުތަކުގައި ލަސްވާ މައްސަލާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އިއްޔެ ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވާ އެކަންކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދާދިފަހުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ކޯޓުން އިތުރުކޮށް ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އިހުމާލުވުމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތުވެސް ދެވަނަ ފަހަރަށް އިއްޔެ ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *