ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ރިކޯޑު އަދަދަކަށް މިދިޔަ އާދީއްތަ ދުވަހު ބޯޓު ޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވުމުން އެންމެ ގިނައިން އެއާ ޓްރެފިކް މޫވްމަންޓު ރިކޯޑު ކުރެވިފައި ވަނީ މި މަހުގެ 12ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެދުވަހު ވީއައިއޭއަށް 405 ފްލައިޓް ޖައްސާ އަދި ފުރާފައިވެއެވެ. އެދުވަހު ރާއްޖެއަށް އައިސްފައިވަނީ 4179 ފަތުވެރިންނެވެ.
މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދަކީ 578 އެވެ. އެދުވަހު ރާއްޖެއަށް 5848 މީހުން ވަނީ އައިސްފައެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފަދަ ތަންތަނުގެ އޮކިއުޕެންސީ ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.