ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މަސްވެރިކަމުގެ ހަބަރުތައް ހާއްސަކޮށްގެން ގެނެސްދެމުން އަންނަ “މަސްވެރިން ޑޮޓް އެމްވީ” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަސްވެރިން އިހުތިޖާޖަށް ނިކުތީ ކަންކަން ގޯހުން ގޯހަށް ދާން ފެށުމުން ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ވޭތޯ ވަރަށް ދުވަހު މަސްވެރިން ކެތްތެރިވެގެން ތިބެއްޖެ ކަމަށެވެ.
މި އިހުތިޖާޖުގައި މަސް ކިރުމުގައި ދިމާވެފައިވާ ދަތިތަކާއި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމާއި ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް މަސްވެރިން ދަނީ ގޮވާލަމުންނެވެ.
މީގެއިތުރުން މި އިހުތިޖާޖުގައި މަސްވެރިން ބައިވެރިވާ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރުމެވެ.
މީގެކުރިން ފެލިވަރަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ އެވަގުތު ފެލިވަރު ފަޅުގައި އޮތް ދޯންޏަކަށް އަރާ ވަޑައިގެން އެ ދޯނީގެ ފަޅުވެރިންނާއި ބައްދަލުކުރައްވާފައެވެ.
އެދުވަހުގެ ބައްދަލުވުމުގައި މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކޮށްފައެވެ. އަދި އެ މަނިކުފާނު ވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.