އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލްއެއް

މީގެކުރިން ބޭއްވި ގުރުއާން މުބާރާތެއްގައި ރައީސް ސޯލިހު ދަރިވަރަކަށް އިނާމު ދެއްވަނީ --

އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ މެޑަލްއެއް ދެއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އެއްވަނަ ދަރަޖައިގައި މި އަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް ދިނުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މިމަހުގެ 26ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި އަހަރު އެއްވަނަ ދަރަޖައިގައި ފާސްވެފައިވަނީ ހަތަރު ހާފިޒުންނެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، ދެވަނަ ދަރަޖަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.