އެމްއާރްޑީސީ އޮޑިޓް: ގަންނަށް ހުށަހެޅި ކޮޅުވެއްޓި ނުލިބި، އެޑްވާންސް ފައިސާ ވެސް ނުލިބުނު

ކޮޅުވެއްޓިއެއް: ގަންނަން ބޭނުންވި ކޮޅުވެއްޓިއަށް އެޑްވާންސްކޮށް ދެއްކީ 7.4 މިލިއަން ރުފިޔާ

މޯލްޑިވްސް ރޯޑް ލިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑީސީ)އަށް 2014ވަނަ އަހަރު ކޮޅުވެއްޓިއެއް ގަންނަން އަމިއްލަ ބަޔަކާ ހަވާލު ކުރުމުން، ކޮޅުވެއްޓި ނުލިބޭ ކަމަށާއި އެޑްވާންސަށް ދިން 7.4 މިލިއަން ރުފިޔާ ވެސް އަނބުރާ ނުލިބޭކަން އެމްއާރްޑީސީގެ އޮޑިޓުން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެމްއާރްޑީސީން ކުރި ޚަރަދުތަކާއި މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ އޮޑިޓް ރިޕޯޓުންނެވެ.

އެމްއާރްޑީސީން 200 ޓަނުގެ ކޮޅުވެއްޓިއެއް އަމިއްލަ ކުންފުންޏަކުން ގަތުމަށް، އެއްބަސްވުމުގައި ސޮއިކުރީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް ހަވާލު ކުރި ކުންފުނީގެ ނަމެއް އޮޑިޓް ރިޕޯޓުގައި ނެތެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކޮޅުވެއްޓި އެމްއާރްޑީސީއާ ހަވާލު ކުރަން އެއްބަސްވުމުގައި ބުނެފައިވެއެވެ. އެމްްއާރްޑީސީން އެޑްވާސްގެ ގޮތުގައި 7.4 މިލިއަން ރުފިޔާ 2015 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮޅުވެއްޓި ގެންނަން ހަވާލު ކުރި ކުންފުންޏަށް ދެއްކިއެވެ. އެޑްވާންސް ފައިސާ ދެއްކިތާ އެއް ދުވަސް ތެރޭ ކޮޅުވެއްޓި އެމްއާރްޑީސީއާ ހަވާލު ކުރަންޖެހެއެވެ. ނަމަވެސް އެ ކުންފުނިން ފޯރުކޮށްދިން ކޮޅުވެއްޓިއަކީ އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ފެތޭ އެއްޗެއް ނޫން ކަމަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ސޮއިކޮށް، މިއަދު އާންމު ކުރި ރިޕޯޓުގައިވެއެވެ.

“އެ އުޅަނދާ އެމްއާރްޑީސީ އިން ހަވާލުވެފައި ނުވަނީ އެ ކުންފުނިން ބޭނުންވާ ވަރަށް ވުރެ، އެ އުޅަނދުގެ ލޯޑިންގ ކެޕޭސިޓީ އާއި ސްޕީޑާއި އަދި އިންޖީނުގެ ކެޕޭސިޓީ ދަށްވުމުންކަން އެމްއާރްޑީސީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުން ފާހަގަކުރެވެއެވެ،” އޮޑިޓް ރިޕޯޓުގައިވެއެވެ.

ކުންފުނިން ދިން ކޮޅުވެއްޓިއަކީ ބާ އެއްޗަކަށްވުމުން، އެމްއާރްޑީސީން އެ އުޅަނދާ ހަވާލެއް ނުވެއެވެ. އަދި ފަހުން ވަނީ ކޮޅުވެެއްޓި ގަތުމަށްވި އެއްބަސްވުން ބާތިލުކޮށްފައެވެ. އެކަމާ ހިތްހަމަނުޖެހިގެން ކޮޅުވެއްޓި ރާއްޖެ ގެނައި ކުންފުނިން ވަނީ އެމްއާރްޑީސީއާ ދެކޮޅަށް 2017 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އެ އުޅަނދާ އެމްއާރްޑީސީން ހަވާލުވެ، ބާކީ ލިބެންޖެހޭ ފައިސާ ހޯދުމަށް އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ނިމުނީ އެމްއާރްޑީސީއާ އެއްކޮޅަށެވެ. ސިވިލް ކޯޓުން 2018 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ ކޮޅުވެއްޓި އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ އެއްގޮތަށްކަން އެނގެން އޮންނާތީ ދައުވާކުރި ކުންފުނިން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދެވެން ނެތް ފައިސާއެކަން ކަނޑައަޅާ ކަމަށެވެ.

އެކަމާ ގުޅިގެން އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ވަނީ ކަންތައްތަކެެއް އިސްލާހުކުރަން ލަފާދީފައެވެ. އެގޮތުން ކޮޅުވެއްޓި ސަޕްލައިކޮށްދިނުމުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް އެޑްވާންސް ފައިސާ ދީފައި ވަނީ މުދަލާއި ޚިދުމަތް ހޮދުމަށް އެމްއާރްޑީސީ އިން ޢަމަލުކުރަމުންދިޔަ ގަވާއިދުގެ ދަށުން އެޑްވާންސް ފައިސާ ދިނުމަށް ހަމަޖައްސާފައިވާ ގޮތާ ޚިލާފަށް ކަމަށްވާތީ، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ. އަދި ކޮޅުވެއްޓި ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށެވެ.

އެމްއާރްޑީސީން ވަނީ އެޑްވާންސަށް ދެއްކި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.