ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ ރަނގަޅަށް: ސިވިލް ކޯޓު

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ވަކިކުރި މުސްއަބު --

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އެ މަގާމުން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މުސްއަބު ވަޒީފާ އިން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާ އިން އޭނާ ސަސްޕެންޑު ކުރި މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އިޔާދަ ކޮށްދިނުމަށް އެދި މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

މުސްއަބު އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 29ވަނަ ދުވަހުއެވެ. އަދި ތިން ފަހަރެއްގެ މަތިން މުސްއަބުގެ ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރިއެވެ. އޭނާ މަގާމުން ވަކި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ މުސްއަބު ވަކި ކޮށްފައި ވަނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވުމުން ކަމަށް ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގިގެންދާ ކަމަށެވެ. އެހެންކަމުން އަލުން މުސްއަބުގެ ވަޒީފާ އިޔާދަ ކޮށްދޭނެ ތަނެއް ނެތް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ސީއެސްސީން އެ މައްސަލަ ބެލުމުގައި ޖަވާބުދާރީވުމުގެ ފުރުސަތާއި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން އިިޖްރާއީ އަދުލުވެރިކަން ވެސް އެ މައްސަލާގައި ގާއިމްވެފައިވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.