އެސްޓީއޯއިން ވެސްޓްޕާކުގައި ޖިމަކާއި ބަސް ސްޓޮޕެއް ހުޅުވައިފި

ވެސްޓްޕާކް ސަރަޙައްދުގެ ޕާކު / ފޮޓޯ- ހަތާވީސް އޮންލައިން

ވެސްޓްޕާކް ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްޤީކުރި ބަސް ހުއްޓި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްޤީކުރި ޕާކް ރޭ ހުޅުވައިފިއެވެ.

އެ ދެ ތަން ހުޅުވައިދެއްވީ އެސްޓީއޯއަށް 56 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސްލަ ނަސީމެވެ. ވެސްޓްޕާކް ސަރަޙައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރޭ ހުޅުވި ބަސް ހުއްޓިއަކީ ވެސް މާލޭގައި އާބާދީ ތޮއްޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރެވުނު މަސައްކަތެއްކަމުގައެވެ. އަދި މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް މާލެއަކީ ހިތް ފަސޭހަތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ- ހަތާވީސް އޮންލައިން

ނައިބް ރައީސްގެ ވާހަކަފުޅުގައި، ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމުގައި، ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ ހަދާ ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުންވެސް މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަން ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޭ ތަޢާރަފުކުރި ބަސް ހުއްޓި މެދުވެރިކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވީހާވެސް ގިނަ ރައްޔިތުން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުން ކުރެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ނައިބް ރައީސް ވަނީ އެސްޓީއޯއިން ތަރައްޤީކުރި ބަސްހުއްޓިއާއި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ތަރައްޤީކުރި ޕާކްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވެސްޓްޕާކް ސަރަޙައްދުގެ ބަސްހުއްޓި އަދި ޕާކު ހުޅުވައިދެއްވުން/ ފޮޓޯ- ހަތާވީސް އޮންލައިން

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުޞައިން ޢަމްރު މުޙައްމަދު ރަޝާދުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.