ރެދަން ބަލަން ގިނަ ބަޔަކު ހުޅުމާލެ ގޮނޑުދޮށަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި އާންމުން: ރެދަން ލާފައިވާ މަންޒަރު ބަލަން ގިނަ ބަޔަކު ހުޅުމާލެއަށް މިރޭ ޖަމާވި-- ފޮޓޯ/ ހަތާވީސް

ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ރެދަން، ހުޅުމާލެ ގޮނޑުދޮށުގައި ލާފައިވާތީ، އެ މަންޒަރު ބަލާލުމަށް ގިނަ ބަޔަކު ހުޅުމާލެ ގޮނޑުދޮށަށް މިރޭ ޖަމާވެއްޖެއެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ރެދަންލާފައިވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް ފާއިތުވި ދެ ރޭގައި އާދަޔާ ހިލާފަށް ރެދަންގެ އަލިގަކަން ވަނީ ގަދަވެފައެވެ. ކަޅުފޮއި އަނދިރި ރޭރޭ ރީއްޗަށް ފެންނަ ރެދަންއަކީ ވަކި ދުވަސްވަރެއްގައި ފެންނަ އެއްޗެކެވެ. ފެންނަނީ ވެސް ރާއްޖޭގެ މަދު ރަށްތަކުންނެވެ.

ރެދަން ބަލަށް ގިނަ ބަޔަކަު ހުޅުމާލެ ގޮނޑުދޮށުގައި-- ފޮޓޯ/ ހަތާވީސް

ސޯޝަލް މީޑިއާގައި ރެދަންގެ ފޮޓޯތައް ދައުރުވާން ފެށުމާ އެކު، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ވަނީ އެ މަންޒަރު ބަލާލުމަށް ހުޅުމާލެއަށް މިރޭ ގޮސްފައެވެ. ރައްޓެހިންނާއި އާއިލާތަކުގެ ކުދި ބޮޑު ގިނަ ބަޔަކު މިރޭ ހުޅުމާލެ ގޮނޑުދޮށަށް ޖަމާވިއެވެ. އެންމެ ގިނަ ބަޔަކު ޖަމާވީ ހުޅުމާލެގެ ދެ ވަނަ ފިޔަވަހީގެ އިތުރުމަތީ ފަރާތު ގޮނޑުދޮށަށެވެ.

ރެދަން ބަލާލުމަށް ދިޔަ ބައެއް މީހުން ބުނީ ދުވަހަކު ވެސް އެގޮތަށް ރެދަން ލާފައިވާތަން ނުފެންނަ ކަމަށެވެ. ރާއްޖޭގެ ވެށީގައި އުޅެ، ބޮޑުވި ނަމަވެސް ރެދަން އަލަށް ފެނުނު މީހުން ވެސް އުޅެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައި ދިރިއުޅޭ މާލޭ ސިޓީގެ، ފަސް ވަނަ އަވަށް، ހުޅުމާލޭ ގޮނޑުދޮށުގައި ރެދަން ލުމުން، ގިނަ ބަޔަކަށް އެކަން ވެފައި ވަނީ އުފާވެރި އީދަކަށެވެ.

ހުޅުމާލެ ގޮނޑުދޮށުގައި ރެދަންލާފައި-- ފޮޓޯ/ ހަތާވީސް

ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ރެދަން ބަލާލުމަަށް ކެތްމަދުވެފައިވެއެވެ. މަދުން ނޫނީ ނުފެންނަ މި މަންޒަރު، މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ރާއްޖެއަށް އިތުރު މަގުބޫލުކަން ލިބިގެންދާނެއެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.