ބާތިލްކުރި ގއ. އަތޮޅު އެމްޑީޕީ ޕްރައިމަރީ އަންނަ ހުކުރު ދުވަހު

އެމްޑީޕީގެ އެއްވުމެއް -- ފޮޓޯ / އަވަސް

ހަމަނުޖެހުން ބޮޑުވެ ބާތިލްކުރި ލޯކަލް ކައުންސިލް އެމްޑީޕީގެ ގއ. އަތޮޅު ޕްރައިމަރީ އަންނަ ހުުކުރު ދުވަހު ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގެ ވޯޓު އެއްވަރުވި ދާއިރާތަކާއި ޝަކުވާބަލާ ކޮމެޓީއަށް ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު އިންތިހާބު އަލުން ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ އިންތިހާބު އަލުން ބޭއްވުމަށް އެޕާޓީގެ އިންތިހާބާއި ބެހޭ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބާތިލްކޮށްފައިވާ ގއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ޕްރައިމަރީގެ ވޯޓުލުން އަންނަ ހުކުރު ދުވަހުގެ މެންދުރު 14:30އިން ރޭގަނޑު 7:30އަށް އޮންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެޕާޓީން ބުނީ އިންތިހާބު ބާއްވާ ދާއިރާތައް އަވަސް ފުރުސަތެއްގައި އިއުލާނު ކުރާނެ ކަމަށެވެ.

ބާތިލް ކުރި ގއ. އަތޮޅުގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 5،421 މީހުންނަށެވެ. އެ އަތޮޅުގެ ނުވަ ރަށުގެ ކައުންސިލަށް ޖުމްލަ 61 ކެންޑިޑޭޓުން ވާދަ ކުރެއެވެ. ނުވަ ރަށުގެ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ އަތޮޅު ކައުންސިލް ރައީސް ކަމަށް ކުރިމަތިލާފައިވަނީ ތިން ބޭފުޅެކެވެ.

އެމްޑީޕީ ގއ. ޕްރައިމަރީ ބާތިލް ކުރުމާއެކު އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ނައްތާލުމުގެ ގޮތުން އަންދާލި އެވެ. އަދި އެކާ ގުޅިގެން ޝޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެމްޑީޕީއަށް ފާޑު ކިޔާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *