ސަން ކުންފުންޏާ ދެކޮޅަށް ހެކިބަސް ދިނުމަށް އަދީބާއި ޒިޔަތު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ: ފޮޓޯ / ހަތާވީސް

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ކުންފުނިން ސަން ޓްރެވަލް އާއި ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައިވާ ކަމަށް ދައުލަތުން މީގެކުރިން ބުނެފައިވެއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކީންގެ ގޮތުގައި އަދީބާއި ޒިޔަތުގެ އިތުރުން އިތުރު ބައެއްގެ ނަންތަކާއި ލިޔުންތައް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ. ހެކި ހުށަހަޅަން ސަން ކުންފުންޏަށް ދިން ފުރުސަތުގައި އެ ކުންފުނީގެ ވަކީލު ވަނީ އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެގޮތުން ފަސް ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މީގެކުރިން އުފުލި ދައުވާ އަށް އަދީބާއި ޒިޔަތު ޔާމީނާ ދެކޮޅަށް ވަނީ ހެކިބަސް ދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.